ޚަބަރު

ކުނި މެނޭޖްކުރުމުގެ ޤާނޫނާއެކު މޮނީޓަރކޮށް ރެގިއުލޭޓްކުރުމާއި ދިމާއަށް


ރާއްޖޭގައި ކުނި މެނޭޖްކުރުމަށް އެކުލަވާލެވުނު ޤާނޫނާއެކު ކުނި މެނޭޖްކުރުމުގެ ދާއިރާއިން އަންނަ އަހަރުގެ ނިޔަލަށް ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަންރަމަންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލިޖީން ވިދާޅުވެއްޖެއެވެ. މިއަމާޒަށް ވާސިލުވުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތަފްސީލު އެމިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

ކުނީގެ މައްސަލައަކީ ރާއްޖޭގައި ހައްލުނުވެ އޮތް އެތައް ޒަމާންވީ މައްސަލައެކެވެ. މިމައްސަލަ ހައްލުކުރުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން މީގެކުރިން އެއްވެސް އިދާރާއަކަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން މިކަން ހައްލުކޮށް ކުނީގެ މައްސަލައަށް އެދެވޭ ބަދަލެއް ގެނައުމަށް އެކުލަވާލެވުނު ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިޤާނޫނާއެކު މިނިސްޓްރީން މިހާރު ކުރަމުންދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުފައްދާ ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ރެގިއުލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންޞާރު ވިދާޅުވީ ކުނީގެ މައްސަލައަށް ހައްލެއްގެނައުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން އެތައް ޒަމާނެއްވީ މިމައްސަލައަށް ޤާނޫނީ ބާރުވެރިކަމާއެކު މަސައްކަތް ކުރެވޭނެ މަގު ފަހިވެފައިވަނީ ދާދިފަހުންކަން ފާހަގަކުރެއްވިއެވެ.


ކުނި މެނޭޖްކުރުމުގެ ދާއިރާއިން އަންނަ 2023 ގެ ނިޔަލަށް ގިނަ ލަނޑުދަނޑިތަކެއް ސަރުކާރުންވަނީ ކަނޑައަޅާފައެވެ. އެގޮތުން މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ 79 ރަށެއްގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާނެ މަރުކަޒު ޤާއިމުކުރުމާއި 113 ރަށެއްގައި ހުރި މިފަދަ މަރުކަޒުތަކަށް ވަޞީލަތް ހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަން އެންވަޔަރަމަންޓް މިނިސްޓްރީއިން ފާހަގަކުރެއެވެ. އަދި މީގެއިތުރުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ވެހިކަލް ހަމަކުރުމުގެ މަޝްރޫޢުގެ ދަށުން 48 ރަށަކަށް ވެހިކަލް ފޯރުކޮށްދީ ނިންމުމަށްވަނީ ކަނޑައަޅާފައެވެ. މިމަޝްރޫޢުތަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ބޭރުގެ އެހީދޭ އެކި ޖަމިއްޔާތަކާއި ގުޅިގެންނެވެ.

އަލަށް އެކުލަވާލާފައިވާ ޤާނޫނާއެކު ކުނި އުފައްދާ ފަރާތްތަކާއި ކުނި މެނޭޖްކުރާ ފަރާތްތައް މޮނީޓަރކުރެވޭނެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުންނާއި ވިޔަފާރިތަކާއި ޢާއްމުން ކުނި އުފައްދާ މިންވަރާއި އެއާއި މެދު ޢަމަލުކުރާގޮތް ބަލައި ރެގިއުލޭޓްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތު ނުވަތަ މާސްޓަރ ޕްލޭން އެކުލަވާލުމާއި، ކުނި މަދުކުރުމުގެ ޤައުމީ ސްޓްރެޓެޖީ އެކުލަވާލުމަށް އައު ޤާނޫނުގެ ދަށުން އިދާރާތަކަށް ލާޒިމުކުރެއެވެ.