ވިޔަފާރި

ސުއަރޭޒް ބޭނުންވަނީ ރާއްޖޭގެ ބޯޑަރ މައިލްސް ޕްރޮގްރާމް ކުރިއަރުވަން


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ޕްރޮމޯޓްކުރުމަށް ވަރަށް ގާތުން މަސައްކަތްކުރަން ބޭނުންވާކަމަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ބުނެފިއެވެ.

އުރުގުއޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސުއަރޭޒް މިހެން ބުނީ މޯލްޑިވްސް ބޯޑަރ މައިލްސްގެ އެންމެ މަތީ ޖަރަޖަ ކަމަށްވާ އަބާރަނަގެ މެންބަރުކަން އޭނާއަށް ދިނުމާއި ގުޅިގެންނެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާގުޅިގެން، ފަތުރުވެރިން ރާއްޖެ އައުން ހުއްޓި، އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

އުރުގުއޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ދާދިފަހުން ނިމުނު ވޯލްޑް ކަޕްގައި އުރުގުއޭ ޓީމްގައި ހިމެނުނު ލުއިސް ސުއަރޭޒްއަށް އަބާރަނަ މެންބަރުކަން އޭނާއަށް އަރުވާފައިވަނީ މޯލްޑިވްސް އިމިގްރޭޝަންއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓްއާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް ބޯޑަރ މައިލްގެ ފަރާތުންނެވެ.

އޭނާއަށް މި މެންބަރުކަން އެރުވީ ވޯލްޑް ކަޕް ނިންމާލުމަށްފަހު މިމަހުގެ 11 ވަނަ ދުވަހު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އޭނާ ރާއްޖެ އައުމުންނެވެ.

ބޯޑަރ މައިލްސްގެ އެންމެ މަތީ ދަރަޖަ ސުއަރޭޖްއަށް އެރުވުމާއި ގުޅިގެން އޭނާ ވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ބޯޑަރ މައިލްސް ޕްރޮގްރާމް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް ވަރަށް ގާތުން މަސައްކަތްކުރަން ބޭނުންވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ސުއަރޭޖްއަކީ ފުޓްބޯޅައިގައި ފާހަގަކުރެވޭ މޮޅު ސްޓްރައިކަރެކެވެ. އޭނާވަނީ ޕްރިމިއަރ ލީގުގައި ލިވަރޕޫލް، ސްޕެއިންގެ ބާސެލޯނާ އަދި އެޓްލެޓިކޯ މެޑްރިޑްއަށް ކުޅެފައެވެ.

ބޯޑަރ މައިލްސްއިން އަންނަނީ ދުނިޔޭގެ މަޤްބޫލު މީހުން މެދުވެރިކޮށް މި ޕްރޮގްރާމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބޯޑަރ މައިލްސް ޕްރޮގްރާމްގައި މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ބައިވެރިވެފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.