ޚަބަރު

ދަނޑުވެރިކަމަށް ކެނދިކުޅުދޫއިން 19 ބިމެއް ދޫކުރަނީ


ނ. ކެނދިކުޅުދޫގެ ދެ އަވަށުން ދަނޑުވެރިކަން ކުރުމަށް 19 ބިމެއް ދޫކުރަން އެރަށުގެ ކައުންސިލުން ހުޅުވާލައިފިއެވެ.

ކެނދިކުޅުދޫއިން ދޫކުރަން ހަމަޖެހިފާވަނީ ޖުމްލަ 2850 އަކަފޫޓުގެ 10 ބިމަކާއި، ޖުމްލަ 5000 އަކަފޫޓުގެ 9 ބިމެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކެނދިކުޅުދޫގެ ކައުންސިލްގެ ރައީސް މުޙައްމަދު ރައުފް ވިދާޅުވީ، ކެނދިކުޅުދޫއިން ދަނޑުވެރިކަން ކުރަން ބިން ދޫކުރުމުގެ މަޤްޞަދަކީ ރަށުގައި ދަނޑުވެރިކަން ކުރާ މީހުން އިތުރުކޮށް ރަށުގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

ރައުފް ވިދާޅުވީ މީގެކުރިންވެސް ކެނދިކުޅުދޫއަކީ ދަނޑުވެރި ރަށެއްކަމަށެވެ. ނަމަވެސް، ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް އޭރު ދަނޑުވެރިކަންކުރި ބައެއް ބިންތައް ގެވަޅުގެ ގޮތުގައި ދޫކުރުމުން، ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް މިވަގުތު މަޑުޖެހިފައިވާކަން ރައުފް ފާހަގަކުރެއްވިއެވެ.

އެ ރަށުން ދަނޑުވެރިކަން ކުރަން ބިން ނުލިބުމަކީ ރަށުގެ ރަޢްޔިތުންގެ ބޮޑު ޝަކުވާއެއް ކަމަށް ރައުފް ވިދާޅުވިއެވެ. އެހެންކަމުން، ދަނޑުވެރިކަން ކުރަން ރަށުން ބިން ދޫކުރުމާއެކު، އެފަރާތަތަކުގެ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް ޤަބުޅުކުރައްވާކަމަށް ރައުފް ވިދާޅުވިއެވެ.

ރަމަޟާން މަސް ގާތްވެފައިވާ މިދަނޑިވަޅުގައި ދަނޑުވެރިކަމަށް ބިން ދޫކުރުމަކީ، އޭގެ ލާބައާއި މަންފާ ރަށަށާއި، ރަށުގެ ރައްޔިތުންންނަށް ކުރާނެ ކަމެއްކަމަށް ރައުފް ފާހަގަކުރެއްވިއެވެ.

ކެނދިކުޅުދޫއިން ދަނޑިވެރިކަން ކުރަން ހަމަޖެހިފައިވަނީ ޖުމްލަ ދެ ސަރަހައްދަކުންނެވެ. އެއީ ކެނދިކޮޅު އަވަށުގެ ކެނދިކުޅުދޫ ކުނިކޮށީގެ ހުޅަނގުން ގެވަޅު ދޫކޮށްފައިވާ ސަރަހައްދުގެ ދެމެދުންނާއި، ކުޅުދޫ އަވަށު ނާސިޔާމަގުގެ ހުޅަނގުން އަވަށު ދަށްމަގުގެ ހުޅަނގުންނެވެ.

ދެ އަވަށުން ދޫކުރާ މި ބިންތައް ދޫކުރުމަށް ފެށޭއަގުގެ ގޮތުގައި ހަމަޖެހިފައިވަނީ އަކަފޫޓަކަށް 5 ލާރީއެވެ. އެގޮތުން ބިންތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ސިޓީ ހުށައެޅަންޖެހެއެވެ.

ގާތްގަނޑަކަށް 207 ހެކްޓަރުގެ ކެނދިކުޅޫދޫގައި، 2500 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، މިރަށުގެ ޤުދުރަތީ މުއްސަނދިކަމުގެ ސަބަބުން ރަށު ފަތުރުވެރިކަން ވަނީ ކުރިއަރާފައެވެ. އެހެންކަމުން، ރަށުގައި ދަނޑުވެރިކަމުގެ ސިނާޢަތްވެސް ކުރިއެރުވުމަކީ މުހިންމުކަމެއްކަމަށް ރަށުގެ ކައުންސިލުން ޤަބޫލުކުރެއެވެ.