މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވ މިރޭ


މޯލްޑިވިއަން އައިޑަލްގެ ގަދަ 12 އަށް ވާދަކުރާ ބައިވެރިން ހޮވުމަށް ބާއްވާ ޕިއާނޯ ރައުންޑްގެ ދެވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ. މި ޝޯވ އޮންނާނީ މިރޭ 10:30ގައެވެ. މިރޭގެ ޝޯވ ޓީ.ވީ.އެމުން ދައްކާ ވަގުތުން ފެށިގެން މާދަމާ ހެނދުނު 9 ޖެހުމާއި ހަމައަށް ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. ޕިއާނޯ ރައުންޑުން ގާލާ ރައުންޑަށް ދަތުރުކުރާ ގަދަ 12 ބައިވެރިން ހޮވާނީ ޖަޖުންގެ %50 އާއި، ބެލުންތެރިންގެ %50 ވޯޓާއެކުއެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑުގައި ޖުމްލަ 16 ބައިވެރިންވާދަކުރެއެވެ. އެގޮތުން މި 16 ބައިވެރިންގެ ތެރެއިން ފުރަތަމަ 8 ބައިވެރިންނާއެކު ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯވ މިދިޔަ ހަފުތާގައި ވަނީ ދައްކާފައެވެ. މިދިޔަ ހަފްތާގެ ޝޯވއިން ޖަޖުންގެ އެންމެ ގިނަ ވޯޓާއި، ބެލުންތެރިންގެ އެންމެ ގިނަ އެސް.އެމް.އެސް ލިބިގެން 6 ބައިވެރިއަކު ގާލާ ރައުންޑަށް ވަނީ ދަތުރުކޮށްފައެވެ. އަދި 2 ބައިވެރިއަކަށް ވަނީ ޝޯވއިން ވަކިވާން ޖެހިފައެވެ.  ޕިއާނޯ ރައުންޑާއެކު، މޯލްޑިވިއަން އައިޑަލްގެ ކުރިއަށް ހުރި ބުރުތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމުގައި ބެލުންތެރިންނަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިރޭގެ ޝޯވދައްކާ ދައްކާ ވަގުތުން ފެށިގެން މާދަމާ ހެނދުނު 9 ޖެހުމާއި ހަމައަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުދެވޭނެއެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.  މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި ޓީވީއެމްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.އައިޑަލްގެ ޝޯވތައް ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ، 10:30 ގައި ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.