ޚަބަރު

އިހަވަންދޫ މަސްވެރިންގެ ކަންބޮޑުވުންތައް މިނިސްޓަރަށް


ހއ. އިހަވަންދޫގެ މަސްވެރިންގެ ގުޅުމުން ކުރިއަށްގެންދާ، "މަސްވެރިންގެ ސައްލާ" ގައި މިނިސްޓަރ އޮފް މެރިން ރިސޯސަސް އެންޑް މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސެއިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެންފިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ވަނީ އިހަވަންދޫ މަސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވާ، އެކަންކަން ހައްލުކުރުމަށް ރާވާފައި ހުރި ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގެ އުތުރުގައި އޮންނަ އިހަވަންދޫ އަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށަކީ ބޮޑު ކަންނަލީގެ މަސްވެރިކަމަށް ޚާއްސަ ރަށެކެވެ. އާބާދީގައި 3500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އިހަވަންދޫ ރައްޔިތުންގެ ބޮޑު ބައެއް މަސްވެރިކަމުގައި ހަރަކާތްތެރިވާއިރު، އެރަށުގެ އިޤްތިޞާދުވެސް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ މަސްވެރިކަމުގެ ސިނާޢަތަށެވެ.


އިހަވަންދޫގައި ކުރިއަށްދިޔަ މަސްވެރިންގެ ސައްލާއާއި ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އެރަށުގެ މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ އައިސް ލިބުމުގައި ހުރި ދަތިތަކާއި، މަސް ކިރުމުގައި ހުރި ދަތިތަކެވެ.

އެގޮތުން، މަސްވެރިކަން ރަނގަޅުވާ ދުވަސްތަކުގައި މަސް ކިރުމަށް ކިއުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ މައްސަލަ އިހަވަންދޫ މަސްވެރިން ފާހަގަކޮށްފައިވާކަމަށް ފިޝާރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެއިތުރުން، އުތުރު ސަރަހައްދުގައިވެސް އައިސްޕްލާންޓެއް ހުރީ ހަމައެކަނި އިހަވަންދޫގައި ކަމަށްވުމުން، އުތުރުގެ އެކަށީގެންވާ ވަރަށް އައިސް ލިބުމުގައި ދަތިތައް ހުރިކަންވެސް އިހަވަންދޫ މަސްވެރިން ފާހަގަކޮށްފައިވާކަމަށް ފިޝާރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިސައްލާގައި، މިނިސްޓަރ އޮފް ފިޝާރީޒް އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސެއިން ރަޝީދު ޙަސަން ވަނީ އިހަވަންދޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެކަމުގެ ޔަޤީންކަން އެރަށުގެ މަސްވެރިންނަށް އަރުވާފައެވެ.

އިހަވަންދޫ މަސްވެރިންނަށް މަސްވެރިކަން ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އިހަވަންދޫގައި ބަހައްޓާފައިވާ މިފްކޯގެ އައިސް ޕްލާންޓުގެ ކެޕޭސިޓީ ވަނީ ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ތަރައްޤީކޮށްފައެވެ. އަދި އިހަވަންދޫގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދައުލަތުގެ ބަޖެޓުން 48.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޒަމާނީ ފެންވަރަށް ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

މީގެއިތުރުން، އުތުރު ސަރަހައްދުން މަސް ގަންނަ މަރުކަޒެއް އިހަވަންދޫގައި ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުތެރޭ އެތަނުން މަސް ގަންނަ ފެށުމަށެވެ.

އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަސް ގަނެ ރައްކާކުރާ ކާރުހާނާއެކެވެ. އެތަނުން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމާއި، ރާއްޖޭގެ އެހެން ކުންފުނިތަކަށް މަސް ވިއްކުމުގެ މަސައްކަތްވެސް ކުރާނެއެވެ.