ޚަބަރު

"މިހާރު ސްކޫލު ދޮށަށް އަޅުގަނޑު ދާކަމުގައިވާނަމަ ޢާއްމުންނަށް އުނދަގޫވާނެ"


ކޮންމެ ދާއިރާއެއްގައި ކޮންމެ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންޖެހެއެވެ. ބައެއް ބޭފުޅުން މިޢަޒުމު ކަނޑައެޅިނަމަވެސް އެކަމުގައި ދެމި ތިބޭވޭގޮތް ނުވެއެވެ. އެހެންނަމަވެސް ބައެއް ބޭފުޅުންނަކީ ޤައުމީ ޚިދުމަތަށް ގޮވާލެވޭ ކޮންމެ ދަނޑިވަޅެއްގައި އިޖާބަދޭ ބޭފުޅުންނެވެ. އެފަދަ އެއް ބޭފުޅަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ސްކޫލް ދައުރުގައިވެސް ފުޓުބޯޅައިގެ ދާއިރާއިން ފާހަގަކޮށްލެވޭ އަދި އުފަން ރަށްކަމުގައިވާ ފުވައްމުލަކުގައި ކުޅިވަރު ދިރުވާ އާލާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

މަސައްކަތުގެ ދާއިރާއަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ކޮންސްޓްރަކްޝަން މަސައްކަތުން ނުކުމެވަޑައިގަތުން ވެގެން ދިޔައީ، ވަކިގޮތަކަށް ނަފްސުގެ ޑިސިޕްލިން ބައްޓަން ކުރެއްވުމަށާއި ކުރާ ކަންކަމުގައި ޚާއްސަ ސްޓޭންޑެޑެއް ބެހެއްޓެވުމުގެ ބާރުގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވައެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ޓީވީއެމްއިން ގެނެސްދޭ ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ މިއަދު އާދެވިފައިވާ ހިސާބަށް އައުމުގައި ފުޓުބޯޅައިގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

ސަބަބަކީ ސްކޫލް ދައުރުގައާއި އޭގެ ފަހުންވެސް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން ޢާއްމުންނާއި ގާތްގުޅުމެއް އުފެދި، ވަކިން ޚާއްސަކޮށް ޒުވާނުންނާއި ގުޅުން ބަދަހިވެ އެކި ދާއިރާތަކުން ޤައުމީ ފެންވަރުގައި އިޖުތިމާޢީ މަސައްކަތްކުރުމަށްވެސް ލިބިވަޑައިގަތް ބާރެއްގެ ގޮތުގައި އެކަން ސިފަކުރެއްވިއެވެ.

ހޭޔަންބޯގައި ނައިބު ރައީސް ވަނީ އަމިއްލަފުޅު ދިރިއުޅުމަށް އަލިއަޅުއްވާލައްވާވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޢާއިލާއާއެކު ގިނަ ވަގުތުތަކެއް މީގެކުރިން ހޭދަކުރެއްވިނަމަވެސް އެފުރުޞަތު މިހާރު ހަނިވެފައިވާކަން ފާހަގަކުރެއްވިއެވެ. ސްކޫލު ދޮށަށް ދަރިފުޅު ބަލާދިޔުމަކީ ކުރައްވަމުންގެންދެވިކަމެއް ނަމަވެސް މިހާރު އެކަން ކުރަން ބޭނުންފުޅުވާ މިންވަރާ ގާތަށް ނުކުރެއްވެނީ އެމަނިކުފާނު ސްކޫލް ދޮށަށް ދާކަމުގައިވާނަމަ މުޅި މަގުގެ ޓްރެފިކަށް ބޮޑު ހުއްޓުމެއް އައިސް އޭގެ ސަބަބުން ޢާއްމުންނަށް ދަތިތަކާއި ކުރިމަތިވާތީކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މިހަތަރު އަހަރުތެރޭގައި ބޭނުންވާ ވަރަށް ވަގުތު ޢާއިލާއަށް ނުދެވޭ. ވަގުތު ދިނުމަކީ ސްކޫލް ދޮށަށް ދިޔުމާއި، ކުދިން ދާންޖެހޭ ތަންތަނަށް ގެންދިޔުމާއި، ކުދިންނާއެކު ވަގުތު ހޭދަކުރުން. އެހާވަރަށް އެކަން މިހާރު ނުކުރެވޭ. އެކަން ކުރަންޏާ މިހާރު އެހެން މީހުންނަށް އުނދަގޫވާނެ. މަގުމަތީގައި އުޅޭ މީހުންނަށްވެސް އުނދަގޫވާނެ" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްއަކީ އެއް ދާއިރާއަށްވުރެ ގިނަ ދާއިރާތަކުން ޚިދުމަތް ކުރެއްވި އަދި މިހާރުވެސް އެކި ދާއިރާތައް ކުރިއެރުއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ދެމިހުންނަވާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމްވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ކޮންމެ ތާކު ހުއްޓަސް ކޮންމެ ކަމެއް ކުރިޔަސް، އަޅުގަނޑު ޤައުމާއި ދޭތެރޭ ދެކޭގޮތް، ޤައުމަށްޓަކައި އެދޭ އެދުމެއް، މިޤައުމާ ދޭތެރޭ ދެކޭ ހުވަފެންތައް، އަބަދުވެސް ހުންނާނީ މިގޮތަށް، އަޅުގަނޑު ބަދަލެއް ނުވާނެ ދުވަހަކުވެސް އިރާދަކުރެއްވިއްޔާ" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މުޖުތަމަޢުގެ ތެރޭގައި އޮންނަ ނޭދެވޭކަމެއް ފާހަގަކުރައްވާ އެކަމުން ދުރުހެލިވުމަށް އެންމެ އެކުގައި ވިސްނުން ބަދަލުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކަންކަމުގައި ޚިޔާލު ތަފާތުވާ މީހުންނާއި މެދުވެސް ހިތްހަމަނުޖެހުން ފާޅުކޮށް ބުރަބަސްތައް ރައްދުކުރަމުންދާ މަންޒަރު ފެންނަކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުން ދުރުހެލިވެ ދިވެހިން އެއް ރޫޙެއްގައި އެކަތިގަނޑެއްގެ ގޮތުގައި ކޮންމެ ކަމެއްގައިވެސް ކާމިޔާބީ ޙާސިލްކުރުމަށް މަސައްކަތްކުރާ ދުވަހަކީ ވަރަށް ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމެއްގެގޮތުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ކުރީއްސުރެއްވެސް ދިވެހި ޤައުމަކީ މަސްތުވާތަކެއްޗާއި ދުރުހެލި މުޖުތަމަޢަކަށް ހެއްދެވުމަށާއި ޒުވާނުން މަސައްކަތުގެ ދާއިރާއިން ބާރުވެރިކުރެއްވުމާއި މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުފަދަ ކަންކަމުގައި މުޖުތަމަޢު ހޭލުންތެރިކުރެއްވުމުގެ އެކި ޚިދުމަތްތައް ނައިބު ރައީސް ވަނީ ކުރައްވާފައެވެ.

މިގޮތުން ދާދިފަހުން ނިމިގެންދިޔަ ވޯލްޑް ކަޕްގައި ޒުވާނުން ބައިވެރިވުން ހިމެނޭގޮތަށް ފުވައްމުލަކުގައި ބޮޑު ސްކްރީން ބަހައްޓައި މުބާރާތުގެ ފައިނަލް ބެލޭނެ އިންތިޒާމު އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައިވަނީ ހަމަޖައްސަވާފައެވެ. މީގެއިތުރުންވެސް މުބާރާތުގެ ވާދަވެރިކަމުގައި ރާއްޖޭގެ ބޮޑު 3 މީޑިއާ ޗެނަލަކުން ގެނެސްދިން ކަވަރޭޖް ފާހަގަކުރައްވާ އެކަނިކުފާނުވަނީ ވޯލްޑްކަޕް ކަވަރޭޖްގައ ޙަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް ބޮޑު ޖާފަތެއް ދެއްވާފައެވެ.

އަބަދުވެސް އެދިވަޑައިގަންނަވަނީ ރާއްޖޭގެ ޒުވާން ޖީލު ބިނާކުރެއްވުމުގައި ޢަމަލީ ގޮތުން ހިއްސާއެއް އޮތުންކަން ފާހަގަކުރައްވާ ކުރިއަށް އޮތްތަނުގައިވެސް އެފަދަ ޚިދުމަތްތަކުން ފެނިގެންދާނެކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ދެއްވާފައެވެ.