ވިޔަފާރި

ދަނޑުވެރިކަން ތަރައްޤީކުރުމަށް ހޯރަފުށީ ކައުންސިލުގެ ވިސްނުން މިނިސްޓަރާއި ހަމައަށް


ހއ. ހޯރަފުށީގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ކައުންސިލުން ގެންގުޅުއްވާ ވިސްނުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަންއާއި ހިއްސާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ހޯރަފުށީ ކައުންސިލުގެ އިދާރާގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަންއާކު ހޯރަފުށީ ކައުންސިލުން ބޭއްވެވި މި ބައްދަލުވުމުގައި އެރަށުގެ ދަނޑުވެރިންނާއި އަދި މަސްވެރިންނަށް ދިމާވާ ދަތިތައް ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން އެރަށުގައި ދަނޑުވެރިކަން ފުޅާކުރުމަށް ކައުންސިލުން ވަނީ މިނިސްޓްރީގައި އެހީތެރިކަމަށް އެދިފައެވެ.


މުހައްމަދު ވަހީދު ވިދާޅުވީ، ރަށުގައި ވަރޓިކަލް ފަރމިން ކުރިއަށްގެންދިއުމަށް ކައުންސިލުގެ ވިސްނުން ހުރިގޮތް މިނިސްޓަރާއި ހިއްސާކޮށްފައިވާކަމަށެވެ. އަދި ބަޖެޓުގެ ތެރެއިން މިކަމަށް އެހީތެރިކަން ދެވޭނެ ގޮތްތައް ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާނެކަން މިނިސްޓަރ ވިދާޅުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެރަށުގެ މަސްވެރިންނަށް މަސް ކިރުވުމަށް މާދުރު ހިސާބުތަކަށް ދާންޖެހޭތީ އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ވަނީ މިނިސްޓަރާއި ހިއްސާކޮށްފައެވެ. އަދި މިފްކޯގެ ބޯޓުތައް ބޭނުންކުރަން ފެށުމުން މިކަމަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހޯރަފުއްޓަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެވެ. ދަނޑުވެރިކަން މާފުޅާވެފައިނެތް ނަމަވެސް އާންމުންގެ ގޯތީގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އަންނަނީ ހައްދަމުންނެވެ. އަދި ކައުންސިލްގެ ވިސްނުން ހުރީ އެރަށުގައި ދަނޑުވެރިކަން ފުޅާކުރުމަށެވެ.