ޚަބަރު

ޗުއްޓީއަށް ފުރުމުގެ ކުރިން މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވޭ


ފުރަތަމަ ޓާރމުގެ ކިޔެވުން ނިމި ޗުއްޓީއަށް ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ކުރިން އަމިއްލަ މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

އާއްމުކޮށްވެސް ކޮންމެ އަހަރެއްގެ ޗުއްޓީތަކާ ދިމާކޮށް ރަށުން ބޭރަށް ގިނަ ބަޔަކު ފުރައިގެންދެއެވެ. މިގޮތަށް ރަށުން ބޭރަށް ފުރައިގެންދާއިރު، ތިމާގެ އަމިއްލަ މުދަލާއި، ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

އެގޮތުން ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކޮށް، ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުން މުހިއްމުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ދުވާލަކު އެއްފަހަރު، ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމަށާއި، ގެ ތަޅުލާފައިދާނަމަ ގޭގައި އަލިކަން ބަހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ. މިއީ މުދަލާއި ގެދޮތުގެ ސަލާމަތަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ފޭރުމާ، ވައްކަމުގެ މައްސަލަ ބޮޑުވެފައިވާއިރު ޗުއްޓީއައް ނުވަތަ ދިގުމުއްދަތަކަށް ރަށުން ބޭރައް ދާއިރު، އައިޕެޑް، ލެޕްޓޮޕް، ގަހަނާ އަދި ގިނަ އަދަދެއްގެ ފައިސާ އަދި މިނޫންވެސް ގޭގައި ހުންނަ އަގު ބޮޑެތި ތަކެތި ތަޅުލެވޭ ތަނެއްގައި ރައްކާކުރުން މުހިއްމުކަން ފުލުހުން ފާހަގަކުރެއެވެ.

އަލިފާނުގެ ޙާދިސާތައް މަދުކުރުމަށް ރައްކާތެރިވާންޖެހޭ

ފަހަކަށް އައިސް ރާއްޖޭގައި އަލިފާނުގެ ޙާދިސާތައްވެސް ހިންގުން އިތުރުވުމާގުޅިގެން، މިއީވެސް އާއްމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ސަމާލުވާންޖެހޭ ކަމެއްގެގޮތުގައި ފުލުހުން ފާހަގަކުރައްވައެވެ.

ޗުއްޓީއަށް ފުރުމުގެ ކުރިން ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކަށް ވިސްނާ، ރައްކާތެރިވުމުގެ ގޮތުން ގޭސް ފުޅިން ގޭސް ލީކުވޭތޯ ޗެކް ކުރުމާއި، ނުވަތަ ގޭސް ފުޅީގެ ރެގިއުލޭޓަރ ނައްޓާލުން ބުއްދިވެރިއެވެ.

މީގެ އިތުރުން ގޭތެރޭގެ ކަރަންޓުގެ ހާލަތު ބަލާ ކަށަވަރުކޮށް، ކަރަންޓުގެ ޝޯޓޭޖެއް ނުވަތަ އެނޫންވެސް ގޮތަކުން އަލިފާނުގެ ހާދިސާއެއް ނުހިނގާނެ ގޮތަކަށް ގޭތެރޭގެ ކަންކަން އިންތިޒާމް ކުރުމަކީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށެވެ.

މީގެ އިތުރުން ތިމާ ދުއްވާ ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ޗުއްޓީއަށް ފުރުމުގެ ކުރިން ކަށަވަރުކުރުން މުހިއްމުކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކުރުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި ހުންގާނު ލޮކްކޮށް އަދި ޝަޓަރވެސް ލޮކްކުރުމަށާއި، ތަޅުދަނޑި ޖަހާފައި ނުބެހެއްޓުމަށްވެސް ފުލުހުން ވަނީ ނަސޭޙަތްތެރިވެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން ދަތުރުކުރާއިރު ސަލާމަތީ ކަންކަމަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ލައިފް ޖެކެޓް އެޅުން މުހިންމެވެ. އަދި މޫސުން ގޮސްވެ ކަނޑުތަށް ގަދަނަމަ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަކީ އެންމެ ބުއްދިވެރި ގޮތެއެވެ.

ޗުއްޓީއައް ނުވަތަ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާނަމަ، މުދަލާއި ހިނގާފާނެ ނުރައްކާތެރި ހާދިސައަކުން ސަލާމަތްވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އެޅުމަކީ ވަރަށް މުހިންމު ކަމެކެއެވެ. މިގޮތަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހިންގާ ނުރައްކާތެރި ހާދިސާތަށް ބޮޑުތަނުން މަދުވެގެން ދާނެއެވެ.