ޚަބަރު

ދެންވެސް ވެރިކަމަށް ގެންނަންވީ ރައީސް ޞާލިޙު: ޝާހިދު


ޤައުމަށް އަމާން އަދި ހަމަޖެހޭ ވެރިކަމެއް ބޭނުންނަމަ ދެން ވެސް ވެރިކަމަށް ގެންނަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ފެށުމަށް، ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙުގެ ވެރިކަމުގައި އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރައްޔިތުން ރަށު ބަންދުން ފިލުވައިދީ، ޒުވާން ޖީލެއް ހަލާކުވުމުން ސަލާމަތްކޮށްދީފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، މިހާރު ޒުވާނުން މަތީ ތަޢުލީމު ޙާސިލުކުރުމަށް އަތުން އެންމެ ފައިސާއެއް ވެސް ނުދާނެ ކަމަށެވެ. އަދި އެ ސްކީމްގެ ދަށުން 15،000 ދަރިވަރުން މިހާރުވެސް ތަޢުލީމު ޙާސިލުކުރާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މީގެ ކުރިން އެ ފައިސާ ވަނީ ކޮންތާކަށްތޯ ސުވާލުކުރައްވާފައެވެ.

"ކުދިންނަށް ކިޔަވައިދޭން ހުރި ފައިސާ ކުރިން ޚަރަދުކުރީ ކޮންތާކަށްތޯ؟ ހެންވޭރު ކޮޅުގައި އެހެރީ ނަގާފައި ހުރި ގެ. އެތަނަށް ދިޔައީ، އެއީ އޭއްޗެހި ގެންދިޔަ ތަނަކީ. ތިބޭފުޅުންނަށް އޮޅިވަޑައިގެން ނޫޅުއްވާ. ފެލާލައިފިއޭ ނޯޅާލައިފިއޭ ކިޔާ ޖަލްސާ ބާއްވާނެ ކަމެއް ނެތް. ދިވެހި ރައްޔިތުންނަށް އެނގޭ ފެލާލީ ކޮންބައެއްކަން" ޝާހިދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި ޚިޔާނާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ސަރުކާރުން ދައުލަތުގެ ފައިސާއަށް ހަދާ ގޮތެއް ނޭނގޭ ކަމަށް ބުނެ އެކި ކަހަލަ ތުހުމަތުތައް އިދިކޮޅުން ކޮށް، ފައިސާއަށް ވީގޮތް ހޯދަން ކަމަށް ބުނެ މަސައްކަތްކުރާއިރު މިހާރު އެ ބޭފުޅުންނަށް ފައިސާ ނުފެންނަނީ އެ ފައިސާ ރައީސް ޞާލިޙު ރައްޔިތުންނަށް ޚަރަދުކުރައްވާތީ ކަމަށެވެ.

އެގޮތުން އިދިކޮޅުގެ ވެރިކަމުގައި ހިންގި ކޮންމެ މަޝްރޫޢަކީ އޭގެތެރޭގައި ކޮރަޕްޝަނާއި، އަމިއްލަ މަންފާ ހިމެނިފައިވާ މަޝްރޫޢެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ފައިސާއަށް ވީގޮތް އެނގޭނީ އެބޭފުޅުންނަށޭ އެބޭފުޅުންނޭ އެއްޗެހި ނަންގަވައިގެން ޖީބަށް ޖައްސަވައިގެން ތިއްބެވީ. ނޭނގިގެން މިއުޅެނީ މިހާރު ރައްޔިތުންނަށް އެފައިސާ ދާތީ. މާފަންނު ކޮޅުގައި ދައްކާލީ ދެ ޓަވަރު، އެއް ޓަވަރު އިޅާލާފައި ފަހަތަށް. މިއީ ކަންތައް ހުރި މިންވަރު" ޝާހިދު ވިދާޅުވިއެވެ.

ކުރިއަށް އަނެއްކާވެސް ރިޔާސީ އިންތިޚާބެއް އޮތްކަން ހަނދާންކޮށްދެއްވާ ޝާހިދު ވިދާޅުވީ، ވެރިކަމުގެ މިހާތަނަށް އައި އިރު ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑެތި ކުރިއެރުމާއި، ތަރައްޤީ ގެނެސްދީފައި ވަނީ ރައީސް ޞާލިޙު ކަމަށެވެ. އަދި ދެން ވެސް އަމާން، ސުލްހަވެރި ވެރިކަމެއް ޤައުމަށް ބޭނުންނަމަ ކުރިއަށް އޮތް ދައުރަށް ވެސް ރައީސް ޞާލިޙު އިންތިޚާބުކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.