ޚަބަރު

ތިމާވެށީގެ ދާއިރާއިން އައު ހޯދުމާއި ދިރާސާ ހެދި، ފަންނުވެރިން އުފައްދާނެ އެއްބަސްވުމެއް


ކާރިސީ ހިރާސް ކުޑަކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ޢާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީއާއި، މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ މުހައްމަދު ޝާރީފްއެވެ. އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއެވެ.

2 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ސަބަބުން ކާރިސީ ހިރާސް ކުޑަކުރުމަށާއި ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް އެން.ޑީ.އެމް.އޭ. އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އެމްއެންޔޫއިން ހާމަކުރެއެވެ. އަދި އެމް.އެން.ޔޫ. އިން ދަސްވެނިވެގެން މުޖުތަމަޢުއަށް ނިކުންނަ ދަރިވަރުންނަކީ ކާރިސީ ހިރާސް ކުޑަކުރުމަށާއި، ވިލުންވެރިކަން އިތުރުކުރުމަށް ޢަމަލީގޮތުން ފަރުދީ ފެންވެރައްގައި މަސައްކަތް ކުރާ ބައެއް ކަމުގައި ވެގެންދާނެއެވެ. މި ފަހުމުނާމާގެ ސަބަބުން، ދިވެހިރާއްޖޭގެ ފެންވަރުގައި ކާރިސީ ހިރާސް ކުޑަކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމާއި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެއްޓާ ގުޅޭ އައު ހޯދުންތަކާއި ދިރާސާތަކެއް ހެދި، މިދާއިރާއަށް ބޭނުންވާ ފަންނުވެރިން އުފެދިގެންދާނެ ކަމަށްވެސް އެމްއެންޔޫއިން ހާމަކުރެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކާއި ކާރިސާ ތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ދާއިރާގައި ދެ މުއައްސަސާގެ ޤާބިލްކަބް ހުރިވަރުން އެއްބަޔަކު އަނެއްބަޔަކު އެހީ ތެރިކަން ފޯރުކޮއްދެވޭނެ ކަމަށެވެ.

ހިސާންވަނީ އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ކޯސްތައް ފުރިހަމަ ކުރާ ދަރިވަރުންގެ ރިސަރޗްތަކުގައިވެސް މިދާއިރާއާ ގުޅޭ މަޢުލޫމާތު ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ވިލުންވެރި މުޖްތަމަޢެއް ބިނާކުރުމަށް ދިވެހި ރާއްޖެ މިދާ މަގު މިއެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ސާފްވެގެން ދާނޭކަމަށް ގަބޫލް ކުރައްވާކަމަށްވެސް ހިސާން ވިދާޅުވިއެވެ.

"ކުރިއައް އޮތް ތަނުގައި އަޅުގަނޑުމެން ދެބައިމީހުން މި އެއްމޯޔޫގެ ދަށުން ކުރެވޭ މަސައްކަތުގައި ވިލުންވެރި މުޖްތަމައެއް ބިނާ ކުރުމަށް ދިވެހިރާއްޖެ މިދާ މަގު ވަރަށް ބޮޑަށް ސާފުވެގެން ދާނެ." ހިސާން ވިދާޅުވިއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރ މުހައްމަދު ޝަރީފް ވިދާޅުވީ، ކަރިކިއުލަމްގައި ޑިޒާސްޓާއާއި ބެހޭ ކަންކަން ހިމަނައިގެން ކުރިއަތް ގެންދިޔުމަށް އެއްބަސްވުމުން ބާރުއަޅާކަމަށެވެ. ޝަރީފު އިތުރަށް ވިދާޅުވީ ޑިޒާސްޓާރއާއި ބެހޭ ޚާއްސަ ކޯހެއް އަންނަ ސެމިސްޓާރގައި ޔުނިވަރިސީޓީން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޯސް ފެށުމުގެ ހުރިހާ މަރުހަލާއެއް ނިންމާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ހުއްދައަށް ފޮނުވާފައިވާ ކަމަށާޢި ހުއްދަ ލިބުނުހާ އަވަހަކަށް ކޯސް ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާރު ކޯސް ފެށުމަށް ޔުނިވަރސިޓީން ހުރިހާ މަރުހަލާތަކަކަށް ގޮސް އެމްކިއުއޭގެ ހުއްދަޔަކަށް ފޮނުވާފައި ވާނެ. އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހިގެން އައީމަ ކޯހުގައި ކިޔަވައިދޭން ޔުނިވަރސިޓީއިން ފަށާނަން" ޝަރީފް ވިދާޅުވިއެވެ

ޝަރީފް އިތުރަށް ވިދާޅުވި މިކޯހުގެ މުގައްރަރު ތައްޔާރުކޮށްފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ކަމަށެވެ. އެގޮތުން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކާއި ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ގައުމުތަކުގެ ޔުނިވަރސިޓީތަކުންވެސް މިމުގައްރަރު ތައްޔާރުކުރުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

މިއަދު ސޮއިކުރެވުނު މިއެއްބަސްވުމުގެ މަޤްޞަދަކީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގަޔާއި، ކާރިސީ ހިރާސްކުޑަކުރުމަށް އަދި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށާއި ޢާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް އެން.ޑީ.އެމް.އޭ. އާއި އެމް.އެން.ޔޫ. އެކުގައި މަސައްކަތް ކުރުމާއި، ދެ ފަރާތުގެ ޤާބިލްކަން ހުރި މިންވަރަކުން ދެ މުއައްސަސާއިންވެސް އެއްބަޔަކު އަނެއްބަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ކާރީސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީން/ ސެމިނަރ/ ވާކްޝޮޕް/ ކޮންފަރަންސް/ މަހާސިންތާތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށާއި، އެމް.އެން.ޔޫ. އިން ދަސްވެނިވާ ކުދީންގެ ދިރާސާތައް ކަމާގުޅޭ މައުޟޫޢުތަކަށް ތައްޔާރުކުރުމަށް ބާރުއެޅުން ހިމެނެއެވެ. ކާރިސާގެ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށާއި ވިލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވުމުގެ އިތުރުން ކާރިސާ އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުން މިއެއްބަސުވުމުގެ މުހިއްމު ބައެއްގެ ގޮތުގައި ހިމަނާފާއިވެއެވެ.