ޚަބަރު

އާސަންދަ ކުންފުނީގެ އޮފީސްތައް ހިންގުމަށް އަމިއްލަ އިމާރާތެއް


އާސަންދަ ކުންފުނީގެ އަމިއްލަ އޮފީހެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާޢިލް އައްޒާމް ވަޖީހް ވިދާޅުވެއްޖެއެވެ.

އައްޒާމް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް އާސަންދަ ސްކީމް އުފައްދައި ޚިދުމަތް ދެމުން އަންނަތާ 11 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މީގެއިތުރުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އާއިޝަތު މުހައްމަދުދީދީ އާއި އާސަންދަ ކުންފުނީގެ އިސްމުވައްޒަފުން ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އާސަންދަ ސްކީމް އުފައްދައި ޚިދުމަތް ދެމުން އަންނަތާ 11 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އާސަންދަ ސްކީމްގެ ދަށުން ދެމުން އަންނަ ޚިދުމަތްތަކާއި ގުޅިގެން ކުރެވޭ ޚަރަދުތައް ކޮންޓްރޯލްކޮށް އިސްރާފު ކުޑަކުރެވޭނެ ގޮތްތައް ހޯދުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި އެކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ދިވެހި ރައްޔިތުންނަށް އާސަންދަ ޚިދުމަތްތައް ދިނުމަށް ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަަކުރައްވާ މިނިސްޓަރ އަމީރުއާއި، މިނިސްޓަރ އައިޝަތު މުޙައްމަދުދީދީ ވަނީ ޝުކުރު ދަންނަވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު ވަނީ ކުންފުނީގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްއަށް ޝުކުރު ދަންނަވާފައެވެ. އަދި ކުންފުނީގެ މަސައްކަތްތަކުގައި ސަރުކާރުގެ އެކި އެކި އިދާރާތަކުން ދެއްވާ އެހިތެރިކަމާއި އެއްބާރުލުންވެސް އިބްރާހިމް ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދިގުމުއްދަތަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ކްލާކް ހަވާލުކޮށްދެއްވީ މިނިސްޓަރ އަމީރާއި މިނިސްޓަރ އާއިޝަތް މުޙައްމަދުދީދީއެވެ.

ދިވެހިންގެ ބޭސްފަރުވާއަށް 2008 ވަނަ އަހަރު އެކުލަވާލާފައިވާ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ"ގެ ދަށުން އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި އާސަންދައިގެ ދަށުން މިހާތަނަށް 16 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.