ޚަބަރު

ގުޅިފަޅު ތަރައްޤީ ކުރެއްވުމަށް މާސްޓަރ ޕްލޭނެއް ހައްދަވަނީ


ގުޅިފަޅު ތަރައްޤީކުރެއްވުމުގެ މާސްޓަރ ޕްލޭނެއް ތައްޔާރު ކުރައްވަމުން ގެންދަވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މި މާސްޓަރ ޕްލޭން ތައްޔާރުކުރައްވަމުން ގެންދަވަނީ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ މާސްޓަރ ޕްލޭންގެ ދަށުން ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.ގުޅިފަޅަކީ މީހުން ދިރިއުޅުމަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސަރުކާރުން ނިންމަވާ، އެތަނުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިިވާ 158 މީހަކަށް ހުޅުމާލެއިން ފްލެޓް ދެއްވަން ރައީސުލް ޖުމްހޫރިއްޔާ އިއްޔެ ވަނީ ނިންމަވާފައެވެ. އެއާއެކު ގުޅިފަޅު އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް މާސްޓަރ ޕްލޭނެއް ހައްދަވަމުން ދާ ކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ގުޅިފަޅުގައި މިހާރު އަޅާފައިވާ ފްލެޓްތައް ބޭނުން ކުރެވޭނީ ލޭބަރ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ކަމަށާއި، މާސްޓަރ ޕްލޭން ތައްޔާރު ކުރެވުމުން މިހާރަށްވުރެ ބޭނުންތެރި ތަނެއްގެ ގޮތުގައި ގުޅިފަޅު ހަމަޖެހިގެންދާނެ ކަމަށެވެ.ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ފަޒީލްވެސް ވަނީ ސަރުކާރުގެ މާސްޓަރ ޕްލޭނާއި އެއްގޮަތަށް އެތަން ތަަރައްޤީ ކުރުމަށް ކުންފުނިން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އަދި މިހާރު ހުރި މައްސަލަތަކުން އަރައިގަތުމަށް ކުންފުނިން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ގުޅިފަޅު ތަރައްގީ ކުރުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި ހަވާލު ކޮށްފައިވަނީ އިނގިރޭސި ވިލާތުގެ، ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ، ޖީ.ޕީ.ޑީ އާއެވެ. އެ ކުންފުނިން އެއްބަސްވުމާއި ޚިލާފުވެފައިވާތީ ސަރުކާރުން ވަނީ މި މަހުގެ 6 ވަނަ ދުވަހު އެއްބަސްވުން ބާތިލް ކޮށް، އެރަށް އަނބުރާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑަށް ނަންގަވާފައެވެ.