ޚަބަރު

އެމްޑީޕީގެ ޕްރައިމަރީ: މެމްބަރުން އެހެން ޕާޓީއަކަށް ވައްދާފައިވޭތޯ ބަލަން އެދިއްޖެ


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ މެމްބަރުން އެހެން ޕާޓީއަކަށް ރަޖިސްޓްރީކޮށްފައިވޭތޯ ބަލައި އެކަން ވީހާވެސް އަވަހަކަށް ހައްލުކުރަން ހުށަހެޅުމަށް އެ ޕާޓީން އެދިއްޖެއެވެ.

އެ ޕާޓީން މިގޮތަށް އެދިފައި މިވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީ އިންތިޚާބު އަންނަމަހުގެ 28 ވަނަ ދުވަހު ބާއްވަން ތައްޔާރުވެފައިވަނިކޮށެވެ.

އެމްޑީޕީން ކުރި ޓުވީޓުގައި ވަނީ ޕާޓީގެ މެމްބަރުން އަވަހަށް އެ މެމްބަރުންގެ ރަޖިސްޓްރީ ބެލުމަށްފަހު އެހެން ޕާޓީއަކަށް ވައްދާފައިވާނަމަ، އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށް އެދިފައެވެ. އަދި ޝަކުވާ ހުށަހަޅާ ފޯމުވެސް ޝެއާކޮށް ކުރި މި ޓުވީޓުގައިވާގޮތުން ޝަކުވާ ހުށަހެޅުމުން އެ ކޮމިޝަނުން މެމްބަރު އެ ޕާޓީއަށް އަލުން ރުޖޫއަކޮށްދޭނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ސާލިހު އަދި ޕާޓީގެ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުތަކުން އަންނަނީ ޕްރައިމަރީއަށް ފޯމުލުމަށް ބޭނުންވާ 500 މީހުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އިންތިޚާބުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، ކެމްޕޭނުގެ ތެރޭގައި އެންމެ ބޮޑަށް ޖެހިފައިވާ މައްސަލައަކީ އެ ޕާޓީގެ ދަފްތަރުގެ މައްސަލައެވެ. އެގޮތުން ޕާޓީގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އަންނަނީ ރައީސް ސާލިހު ޕާތީގެ ދަފްތަރު ގަޑުބަޑުކޮށް މެމްބަރުން ވަކިކޮށްފައިވާކަމަށް ތުހުމަތުކުރަމުންނެވެ.

މި ތުހުމަތުތައް އެމަނިކުފާނަށް ކުރަނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު ދަށްވެފައިވާތީއެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދު 92،000 އިން 54،000 އަށް ތިރިވީ އެ ޕާޓީން ބަލަހައްޓަމުން ދިޔަ ދަފްތަރުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ބަލައިގަތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

އެ ނިންމުމާއެކު އެމްޑީޕީގެ ދަފްތަރުން އުނިވާ 39،911 މެމްބަރުންނަށް މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނެވެ. އަދި، ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެއް މަސް ދުވަހުގެ މުހުލަތެއް ދިނެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަން ގެ ދަފުތަރު ދައްކާގޮތުން އެމްޑީޕީގެ ދަފުތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ. އެ ހުރިހާ މެމްބަރުންނަށްވެސް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.