ޚަބަރު

ޕޮލިޓެކްނިކްގެ ކޯސްތަކުން އިތުރު 393 ދަރިވަރަކު ދަސްވެނިވެއްޖެ


މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުގައި އިތުރު 393 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. ޕޮލިޓެކްނިކުން ވަނީ، އެ އިންސްޓިޓިއުޓުގެ ކޯސްތައް އެކި ދާއިރާތަކަށް ފުޅާކޮށްފައެވެ.

ޕޮލިޓެކްނިކް އުފެދިގެން އައީ ޢަމަލީ މަސައްކަތްތަކުގެ މައިދާނަށް ބޭނުންވާ އެކިއެކި ހުނަރުތަކުގެ ކޯސްތައް ހިންގުމަށް ޚާއްސަ އިންސްޓިއުޓެއްގެ ގޮތުގައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ 3 ރަށެއްގައި ޕޮލިޓެކްނިކްގެ ގޮފިތައް އަންނަނީ ހިންގަމުންނެވެ.

މިއަހަރު އެ އިންސްޓިޓިއުޓްގެ ކޯސްތައް 393 ދަރިވަރަކު ފުރިހަމަކޮށް ވަނީ ދަސްވެނިވެފައެވެ. މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙިމް ޙަސަން އަދި މިނިސްޓަރ އޮފް ފޮޝަރީޒް މެރިން ރިސޯސަސް އެންޑް އެރިކަލްޗަރ ޑރ. ހުސައިން ރަޝީދު ޙަސަންއެވެ.

ޕޮލިޓެކްނިކްއިން ކުރިއަށްގެންދާ ކޯސްތަކުގެ ތެރޭގައި އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް، އަރކިޓެކްޗަރ، ކާޕެންޓްރީ، އޮޓޮމޯޓިވް، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިން އަދި އިދާރީ މަސައްކަތަކާއި ގުޅުހުރި ކޯސްތަކާއި ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާގެ އެކި ކޯސްތައްވެސް ދަނީ ހިންގަމުނެވެ.

ސެޕްފިކެޓް ހަވާލުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވީ، ޕޮލިޓެކްނިކަކީ ވަރަށް ގިނަ، ރާއްޖޭގެ މުހިންމު ސިނާޢަތްތަކަށް މީހުން ބިނާކުރުމަށް މަސައްކަތްކުރާ އިންސްޓިއުޓެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ސިނާޢަތްތައް ކުރިއަރައިގެން ދިއުމުގައި ތަމްރީން ލިބިފައިވާ ދިވެހިން ނެތުމުގެ ގޮންޖެހުން އެބައޮތްކަމަށެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކަށް ދިވެހި ޒުވާނުންގެ ޝައުގު ކުޑަވުމުގެ ސަބަބެއްގެ ގޮތުގައި، އެ ދާއިރާތަކުން ތަމްރީން ލިބެން ނެތުން ފާހަގަކޮށްފައިވެއެވެ.

"ކޯވިޑްގެ ޙާލަތުގައި އިނގުނީ އެއް ދާއިރާއަށް ބަރޯސާވެގެން ތިބެވެން ނެތްކަން. އެއްވެސް ކަމަކީ ދެރަ މަސައްކަތެއްކަމަށް ނުދެކި، ވަޒީފާ ނެތް ދިވެހި ޒުވާނުން މި ދާއިރާތަކަށް ނިކުންނަށް ޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ، މަތީ ތަޢުލީމުގެ ދާއިރާއިން މިއަށްވުރެ ގިނަ މަސައްކަތް ކުރެވޭ ދުވަސްވަރެއް ނެތްކަމަށެވެ. ޚާއްސަކޮށް ރާއްޖެއަށް މުހިންމު ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ހުނަރުވެރިން ބިނާކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އިސަކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ.

"މިހާރުވެސް ރާއްޖޭގެ 4 ސަރަޙައްދެއްގައި ޓިވެޓް ސެންޓަރު ހެދުމުގެ މަސައްކަތް ކުރިއަށްދޭ. މީގެ ފައިދާ ވަރަށް އަވަހަށް ގެންނަން ފަށާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ހުނަރުވެރި މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އަތޮޅުތަކުގައި ޓިވެޓް ސެންޓަރާއި ޖޫނިއަރ ކޮލެޖްތައް ހިންގުމަށް އިޢުލާންކޮށް އެ މަސައްކަތް ހއ. ދިއްދުއާއި އަލިފުށީގައި ވަނީ ފަށާފައެވެ.