ވިޔަފާރި

ބްރިޓިޝް އެއަރވޭސްއިން މުޅިން އަލަށް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަނީ


އަންނަ އަހަރުން ފެށިގެން ބްރިިޓިޝް އެއަރވޭސްއިން މުޅިން އަލަށް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލްއިން ވިދާޅުވެއްޖެއެވެ.

ބްރިޓިޝް އެއަރލައިންއަކީ ފަތުރުވެރިކަން ރަނގަޅު ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް އަބަދުވެސް ސީޒަނަލް ދަތުރުތައް ކުރަމުން އައި އެއަރލައިނެކެވެ. އެހެންނަމަވެސް މިހާތަނަށް އަދި މި އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާފައެއް ނުވެއެވެ. ފަތުރުވެރިކަމުގެ ހައި ސީޒަންއާއި ދިމާކޮށް މިހާރުވެސް އެ އެއަރލައިނުން އަންނަނީ ސީޒަނަލް ދަތުރުތަކެއް ރާއްޖެއަށް ކުރަމުންނެވެ.

އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ ޙަސަން އަރީފް ވިދާޅުވީ، ސީޒަންތެރެއާއި ދިމާކޮށްވެސް ރާއްޖެއަށް ގިނަ އެއަރލައިންތަކަކުން ދަތުރުފައްޓަމުން އަންނަކަމަށެވެ. އަދި އަންނަ އަހަރު ބްރިޓިޝް އެއަރލައިނުންވެސް ރާއްޖެއަށް ފުރަތަމަ ފަހަރަށް ޝެޑިއުލް ދަތުރުތައް ކުރާނެކަމަށެވެ.

“ބްރިޓިޝް އެއަރވޭސް އަބަދުވެސް މިއަންނަނީ ސީޒަނަލް އެއަރ ލައިނެއްގެ ގޮތުގައި. ނަމަވެސް އަންނަ އަހަރުން ފެއްޓިގެން ތުރޫ އައުޓް ދި އިޔަރ އަންނާނެ ހަމަ ރާއްޖެއަށް. މާނައަކީ ފަތުރުވެރިން ހަމަ ކޮންޓިނިއުސްލީ އައިސްއައިސްއޭ ހުންނާނީ ބްރިޓިޝް އެއަރވޭސްއިން.” އަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ހައި ސީޒަންއާއި ދިމާކޮށް ކޯވިޑާއި ހެދި ހުއްޓާލި 8 އެއަރލައިނަކުން އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާކަމަށް އެމް.އޭ.ސީ.އެލްއިން ވިދާޅުވެއެވެ.

އޭގެތެރޭގައި އެއަރ ފްރާންސް، އޮސްޓްރިއަން އެއަރވޭސް، ނިއޮސްޕާ، ޔޫރޯވިންގް، ކޮންޑޯ، ލޮޓް ޕޮލިޝް، އަދި އައިޓީއޭ ހިމެނެއެވެ. މީގެއިތުރުން މުޅިން އަލަށް 2 އެއަރލައިނަކުންވެސް ރާއްޖެއަށް ދާދިފަހުން ވަނީ ދަތުރުތައް ފަށާފައެވެ. އެއީ ވިޒް އެއަރ، އަދި ކުވެއިތު އެއަރވޭސްއެވެ.