ޚަބަރު

މަދުން ނޫނީ ނުފެންނަ "ސަންފިޝް"އެއް ފުޅަދޫ ކައިރިން ބާނައިފި


މަދުން ނޫނީ ނުފެންނަ "ސަންފިޝް" ކިޔާ މަހެއް ބ. ފުޅަދޫ ކައިރިން ބާނައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަސް ބާނާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، އެމަނިކުފާނުގެ އާއިލާ މެންބަރުންނާއެކު ކުރެއްވި މަސް ދަތުރެއްގެ ތެރެއިންނެވެ.

އަދި މިމަސް ބޭނީ އުއްތަމަ ފަނޑިޔާރުގެ ފިރިހެން ދަރިކަލުން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އެމަހުގައި ގާތްގަނޑަކަށް 6 ފޫޓް ހުއްޓެވެ. އަދި ފުޅާމިނުގައި 4 ފޫޓް ހުރި މި މަސް ބޭނީ ފުޅަދޫގެ ހުޅަނގު ކަނޑުތެރެއިންނެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަސްތަކުގެ ތެރޭގައި މިމަހެއް ނުހިމެނެއެވެ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒްހަރު ވިދާޅުވީ، މި މަސް ރަށަށް ގެނައީ އެމަސް އަޑިން ނެގިއިރު ވަރަށް ބޮޑަށް ވައި އަރައިފައި އޮތުމުން ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުންކަމަށެވެ.

ކަނޑުގެ އަޑިން ބާނާ މިފަދަ ބައެއް މަސްތައް އަޑިން ނަގާއިރު ވައި އަރާ ލޯވެސް ބޭރަށް ނުކުމެފައި ހުރެއެވެ. އެހެން ކަމުން އެގޮތަށް ވައި އަރާފައި ހުންނަ މަސް ސަލާމަތްވުމުގެ ފުރުޞަތު ކުޑައެވެ.

ގާތްގަނޑަކަށް 500 އެއްހާ މީޓަރުގެ ފުނުގައި އުޅޭކަމަށް ބުނާ މިމަސް އުއްތަމަ ފަނޑިޔާރުގެ އަހުމަދު މުއުތަސިމް އަދުނާނުގެ ދަރިކަލުން ބޭނީވެސް އެފުންމިނުންކަމަށް މައުލޫމާތުލިބެއެވެ. މީގެ ފަސް ބާވަތެއްގެ މަސް ދުނިޔޭގެ ކަނޑުތަކުގައި އުޅެއެވެ. އޭގެ ތެރެއިން ފުޅަދޫއިން ބޭނި މަހަށް ކިޔަނީ "ބަމްޕް ހެޑް ސަންފިޝް" ނުވަތަ "މޮލަ އެލެސަންޑްރިނި" އެވެ.

މިހާތަނަށް ދިވެހި ނަމެއް ދީފައި ނުވާ މިމަހަށް އާންމުކޮށް ކިޔަނީ މޮލަމޮލަ މަހެވެ. އަރަބި ކަނޑުތަކާ އެމެރިކާގެ ކަނޑުތަކުން ބާނާ މިމަސް އާންމުކޮށް ރާއްޖެއަކުން ނުބާނައެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން ލޭނުމަސްވެރިކަން ކުރުމަށް ނުކުމެ އުޅުނު ފުޅަދޫ ދޯންޏަކުން މި ބާވަތުގެ މަހެއް ބާނާފައިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އެއަތޮޅު ފެހެންދޫއިންވެސް މީގެ މަހެއް ލޭނުއަޅަން ނުކުމެ އުޅުން ބަޔަކު ބޭނިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.