ޚަބަރު

އެތައް އަހަރެއް ކުރިން ޖަޕާނުން ގެނެސްދިން ތަރައްޤީ، މިހާރުވެސް ހުރީ ފެންނަން: ޝާހިދު


ރާއްޖެއާ ޖަޕާނާ ސިޔާސީ ގުޅުން ޤާއިމު ކުރީންސުރެއް އެ ޤައުމުން ވަމުން އަންނަ އެހީތެރިކަމާއި، ގެނެސްދީފައިވާ ތަރައްޤީ މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން އެބަހުރިކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ތަކެއި ޝުންސުކެގެ ރަސްމީ ދަތުރުފުޅާގުޅިގެން، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްވި ޚާއްސަ ފަރިއްކޮޅުގައި ވާހަކަދައްކަވަމުންނެވެ.

މި ފަރިއްކޮޅުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އެހެން އިސްވެރިންގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި، ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި މިނިސްޓަރ ވަނީ 55 އަހަރުވީ ދިގު ސިޔާސީ ގުޅުމެއް ދެ ޤައުމުގެ ދެމެދުގައި އޮތް އިރު ޖަޕާނަކީ އަބަދުވެސް ދެގޮތެއް ނުވެ ރާއްޖެއާއެކު ދެމި އޮތް ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ޙާލަތެއްގައިވެސް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ އެއް ޤައުމަކީ ޖަޕާނުކަން ފާހަގަކުރައްވާ، މިނިސްޓަރ ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އެގޮތުން ސުނާމީގެ ޙާލަތުގައި ވެދިން އެހީތެރިކަމާއި، އޭގެ ފަހުން މާލެ ވަށާ ތޮށިލުމަކީ ޖަޕާނުން ވެދިން އެންމެ ފާހަގަކޮށްލެވޭ ބޮޑު އެއް އެހީކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރ ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ޞިއްޚީ، ދިފާއި އަދި އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިންވެސް އެ ޤައުމުން ވެދީފައިވާ އެހީތަކަކީ މިހާރުވެސް ފެންނަން ހުރި އެހީތައްކަމަށް ވިދާޅުވެފައެވެ. އަދި ފާއިތުވެ ދިޔަ 55 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ގުޅުމަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ޚާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމާސާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުއެވެ. މިއަހަރު ދެ ޤައުމުގެ ގުޅުމަށް 55 އަހަރު ވަނީ ފުރިފައެވެ.