ޚަބަރު

މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތެއްގެ ތެރެއިން ޖަވާބުދާރީއެއް ނުކުރެވޭނެ: ޕީޖީ


މައުލޫމާތު ސިއްރުކޮށް ހިފެހެއްޓުމުގެ ސަގާފަތެއްގެ ތެރެއިން ޖަވާބުދާރީކުރުވުުމުގެ ސަގާފަތެއް ނުއުފެއްދޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެެރަލްގެ އޮފީހުގެ ވެބްސައިޓާއި ނިއުސް ލެޓަރ އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ޕީޖީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އުންސުރުގައި ނަމުގައި ތައާރަފްކުރި ނިއުސް ލެޓަރ އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި އާމަހިގެ ނަމުގައި ތައާރަފްކުރި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދެވެ.

ޕީޖީ އޮފީހުން އަލަށް ލޯންޗުކުރި ވެބްސައިޓަކީ އެ އޮފީހުގެ މަސައްކަތްތަކުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ފެންނަން ހުންނަ ވެބްސައިޓެކެވެ. މި ވެބްސައިޓްގެ ބޭނުމަކީ ޕީޖީ އޮފީހުން މަޢުލޫމާތުތައް ހިފަހައްޓައި ސިއްރުކުރުމުގެ ބަދަލުގައި މަޢުލޫމާތުތައް ދޫކޮށްލުންކަމަށް ޕީޖީ ވިދާޅުވިއެވެ.

ކޮންމެ ހަ ގަޑި އިރަކުން އަޕްޑޭޓްވާ އެ ވެބްސައިޓުގައި ކޯޓުތަކަށް ހުށަހެޅި މައްސަލަތަކާއި، ޕީޖީ އޮފީހުން ބަލައިގަތް މަސައްކަތްތަކާއި، މިފަދަ ހުރިހާ މަޢުލޫމާތެއް އާންމުކޮށް ފެންނަން ހުރެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ އެންމެ ބޮޑު އަމާޒަކީ މައުލޫމާތު ހާމަކޮށް އިސްވެ މައުލޫމާތު ދިނުން ކަމަށެވެ. އަދި މި ވެބްސައިޓަކީ އެގޮތުން އެ އޮފީހާއި ހަމައަށް މައުލޫމާތައް އެދިގެން އެއްވެސް މީހަކު އަންނަން ނުޖެހޭނެ ވަރުކޮށްދޭން ކުރާ މަސައްކަތުގެ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. ޕީޖީ ވިދާޅުވިގޮތުގައި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވޭނީ ވެސް އެކަށީގެންވާ ގޮތެއްގައި މައުލުމާތުތައް ހާމަކުރެވިގެންނެވެ.

"މީހުން މަގާމުތަކަށް އައްޔަންކޮށް ޖަވާބުދާރީ ކުރުވާ ވާހަކަ އެބަ ދައްކަން. އެކަމަކު ޖަވާބުދާރީ ކުރުވޭނީ އެކަން ކުރެވޭ ވަރަށް މައުލޫމާތު ފޯރުކޮށްދެވިގެން. މައުލޫމާތު ސިއްރުކޮށް ހިފެހެއްޓުމުގެ ސަގާފަތެއްގެ ތެރެއިން ޖަވާބުދާރީ ކުރުވުުގެ ސަގާފަތެއް ނޫފެދޭނެ."

ޝަމީމް ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އާންމުން ހޭލުންތެރިނުވުން ކަމަށެވެ. އެގޮތުން ދައުވާ ކުރަންވީ ގޮތް ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ނަމަވެސް އޭގެ ހޭލުންތެރިކަން ކުޑަ ކަމަށާއި އަދި އާންމުންގެ މެދުގައި ޚިޔާތުތަފާތުވުން އުފެދި، ޕީޖީ އޮފީހާއި އަދުލުގެ ނިޒާމާމެދު ސުވާލު އުފައްދާ މައިގަނޑު ސަބަބަކީ އެއީ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ރިހާކުރު ފުޅި ވަގަށް ނެގި މީހާއަށް ބޮޑު ހުކުމެއް އައިސްފައިވާތީ އެކަމަށް އާންމުން އަބަދުވެސް ޖޯކު ޖަހާކަން މިސާލެއްގެ ގޮތުގައި ނަންގަވާ ޕީޖީ ޝަމީމް ވިދާޅުވީ، މައްސަލައެއްގައި މީހަކަށް ދައުވާ ކުރަން ޖެހޭ ސަބަބާއި، ދައުވާނުކޮށް ދޫކޮށްލާ ސަބަބުތަކުގެ އިތުރަށް ކޯޓުން މައްސަލައެއްގައި ހުކުމަކާއި ހަމައަށް ވާސިލްވާ ގޮތްތަކާއި، އަދަބު ކަނޑައަޅާން އޮންނަ އުޞޫލުތައް އާންމުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ.

"މިއަދު މި ތަޢާރަފުކުރާ ޕީޖީ އޮފީހުގެ ނިއުސްލެޓަރ އުންސުރު، މިއީ އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް، ރިހާކުރު ފުޅިއެއް ވަގަށް ނެގި މައްސަލާގައި ބޮޑު އަދަބެއް ލިބުނީ ކީއްވެގެން ކަން އާންމުންނަށް އަޅުގަނޑުމެން ކިޔައިދޭން އެބަ ޖެހޭ، އަންގައި ދޭން ޖެހޭ" ޕީޖީ ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނުތަކާއި ގަވާއިދުތަކާއި، އުޞޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް އެކުލަވާލި “ލެތުން” ޑޭޓާބޭސް ވެސް މި ރަސްމިއްޔާތުގައި ވަނީ ލޯންޗުކޮށްފައެވެ. މި ޑޭޓާބޭސްގައި ޤާނޫނުތަކާއި ގަވާއިދުތަކުގެ މާއްދާތައް ވަގުތުން ސަރޗް ކޮށްލެވޭނެއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅުންހުރި އެކި ކީވޯޑްވެސް ވަކިން ސަރޗްކޮށް، އެ ކީވޯޑަކާގުޅޭ ފަހުގެ ޤާނޫނުތަކާއި ގަވާއިދުތައް ބަލާލެވޭނެއެވެ.

މި ރަސްމިއްޔާތުގައި ހެއްކާބެހޭ ޤާނޫނުގެ ޗާޕް ފޮތަކާއި، އެ ޤާނޫނު އުފައްދަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ހެއްކާ ބެހޭ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ވިސްނުން" ނަމުގައި ފޮތެއް ލޯންޗުކުރި އެވެ. މިއީ ޕީޖީ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީސް ގުޅިގެން ކުރި މަސައްކަތެކެވެ.