ޚަބަރު

ލޯކަލް އޮތޯރިޓީ ކުންފުންޏަކުން ވިޔަފާރިކުރުމުގެ ހުއްދަ ތޮއްޑޫ ކައުންސިލަށް


ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައިގެން ވިޔަފާރިކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް އިކޮނޮމިކް މިނިސްޓްރީއިން އއ. ތޮއްޑޫ ކައުންސިލަށް ދީފިއެވެ.

ލާމަރުކަޒީ ގާނޫނާއި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން، މިކުންފުނި ރަޖިސްޓްރީކޮށްފައިވާއިރު، ކުންފުނީގެ ރަޖިސްޓްރީ ތޮއްޑޫ ކައުންސިލާ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލްއެވެ. ތޮއްޑޫ ކައުންސިލްގެ ފަރާތުން ރަޖިސްޓްރީއާ ހަވާލުވެވަޑަިއގަތީ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ.

ތޮއްޑޫ ކައުންސިލްއާއި، ރަޖިސްޓްރީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދައި، ލޯކަލް ކޮމިއުނިޓީތަކުގައި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކައުންސިލްތައް ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވާފައެވެ. އަދި މިއީ އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިކަމާއި ބެހޭގޮތުން ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަށް އެންމެ ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ސަރުކާރުންކަމަށެވެ.

އަޙްމަދު ކަރަމް ވިދާޅުވީ، ކައުންސިލްތަކަށް ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަކީ ރަށުގެ ތަރަައްޤީއަށާއި ރަށުގެ ވިޔަފާރިތަކަށް ގިނަ ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެކަމެއްކަމަށެވެ.

"ވަރަށް ބޮޑު ކުރިއެރުމެއް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އެބަ ލިބިގެންދޭ. އެއްގޮތަކީ ކައުންސިލުން މިދޭ ޚިދުމަތްތައް ކުންފުނީގެ ދަށުން، ޚިދުމަތްތައް ދެވެމުން އެދަނީ ހެދިފައި ހުރި ޤަވާއިދާ އެއްގޮތަށްކަމަށް ބެލޭނެ. އަދި އާންމު ރައްޔިތުން އެޚިދުމަތްތަކާއި ގުޅިގެން ހުށައަޅާ ޝަކުވާތައް ބަލާ އެކަންކަން ހައްލުކޮށްދެވޭނެ. " ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވިއެވެ.

ތޮއްޑޫގެ ލޯކަލް އޮތޯރީޓީ ކުންފުނީގެ ވިޔަފާރިތައް

* ޑެޑިކޭޓެޑް ފައިބް ލިންކުގެ ޚިދުމަތް ދިނުން
* ތޮއްޑޫގައި ތަރައްގީ ކުރާ މިއުޒިއަމް ބަލަހައްޓައި ހިންގުން
* ތޮއްޑޫގެ ކުނި މެނޭޖުކޮށް ބެލެހެއްޓުން
* ތޮއްޑޫގެ ޕޯޓުގެ ޚިދުމަތް މެނޭޖް ކުރުން
* ތޮއްޑޫ މޯލްޑިވްސް ބްރޭންޑް ޕްރޮމޯޓް ކުރުން
* ތޮއްޑޫ މަގު ބަލަހައްޓާ މަރާމާތު ކުރުން
* ތޮއްޑޫ ޕާކު ބެލެހެއްޓުން
* ފަތުރުވެރިންނަށް ޚާއްސަ ބީޗް ސަރަހައްދެއް ތަރައްޤީކޮށް ބެލެހެއްޓުން
* ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ވަސީލަތް ޤާއިމްކޮށް ބެލެހެއްޓުން
* ކޮންވެންޝަން ފެސިލީޓީ އުފައްދައި އެމްއެމްއީއަށް ވިޔަފާރި ފުރުސަތު ފުޅާ ކުރުން
* ނާސަރީއެއް ޤާއިމް ކުރުން
* ޑޭކެއާ ސެންޓަރެއް ޤާއިމް ކުރުން
* ތޮއްޑޫ ޕްރީސްކޫލް ހިންގުން

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިއްގުމުގެ ޤާނޫނަކީ 2010 ވަނަ އަހަރު ފާސްކުރި ޤާނޫނެކެވެ. މިޤާނޫނުގެ ދަށުން 2011 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކައުންސިލްތައް އިންތިޚާބުކޮށް މިޤާނޫނަށް ޢަމަލުކުރާތާ މިހާރު މިވަނީ 8 އަހަރުވެފައެވެ. ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގައި ހުރި މައްސަލަތައް ފާހަގަކޮށް، ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތްދެވޭ ގޮތްތައް ފަހިކޮށްދިނުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.