ޚަބަރު

ތޫފާނެއްގެ އަސަރެއް ނެތް، ވައި ބާރުވެދާނެ: މެޓް


މޫސުމާއި ގުޅޭ މަޢުލޫމާތުދޭ ބައެއް އެޕްލިކޭޝަންތަކުގައި، ކުޅުދުއްފުށީ ހިމެނޭ ސަރަޙައްދަށް ތޫފާނެއްގެ އަސަރު ކުރާނެކަމަށް ލަފާކޮށްފައިވީ ނަމަވެސް އެއީ ތޫފާނެއްގެ އަސަރު ނޫންކަމަށާއި، ދެ މޫސުން ބަދަލުވާ ދުވަސްވަރު އަންނަ ބަދަލުތަކެއް ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުމާއި ގުޅޭ މަޢުލޫމާތުދޭ ބައެއް އެޕްލިކޭޝަންތަކުގައިވާ ގޮތުން މިމަހުގެ 27 ހިސާބުގައި، ކުޅުދުއްފުށީ ހިމެނޭ ސަރަޙައްދަށް ތޫފާނެއްގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިކަމާ ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މޫސުމަށް އާދަޔާ ޚިލާފަށް ބަދަލުތަކެއް އަންނާނެ ކަމަށް ނުދައްކާކަމަށެވެ. ނަމަވެސް 27ވަނަ ދުވަސް އަންނައިރު، އާއްމުކޮށް ހުންނަވަރަށްވުރެ ވައި ބާރުވެދާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް މިއީ ތޫފާނެއްގެ އަސަރު ނޫންކަމަށާއި، ދެ މޫސުން ބަދަލުވާ ދުވަސްވަރު އެހެން ފަހަރުތަކުގައިވެސް އަންނަ ބަދަލެއްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

އިރުވައި މޫސުން އަދިވެސް ނުފެށޭ ކަމަށާއި، މިއީ ހުޅަނގު މޫސުމުުން އިރުވައި މޫސުމަށް ބަދަލުވާއިރު އެހެންނާވެސް ފެންނަ ބަދަލުކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

މި ދުވަސްވަރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި ދުނިޔޭގެ ބައެއް ހިސާބުތަކުގެ ވައިގެ ނިޒާމަށް އަންނަމުންދާ ބަދަލާއެކު، ރާއްޖެ ސަރަޙައްދަށް ހިރަފުހާއި ދުމުގެ އަސަރު ފޯރާ ވައި ނުސާފުވަމުންދާ ދުވަސްވަރެކެވެ. މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޖައްވު ފުސްވުމުގެ އަސަރު އިތުރުވާނެ ކަމަށް ދައްކާކަމަށެވެ. މިކަން ބޮޑަށް ކުރިމަތިވާނީ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތުދެއެވެ.