ޚަބަރު

ފުރުމުގެ 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަންދާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލްއިން މިކަން ހާމަކޮށް ކުރި ޓުވީޓެއްގައިވަނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އެއަރޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭތައް މަދުކުރުމަށްޓަކައި ފުރުމުގެ 3 ގަޑިއިރުކުރިން އެއަރޕޯޓަށް އައުމަށް އެދޭ ކަމަށެވެ.
އަދި މީގެ އިތުރުން ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ޗެކްއިން ވުމުގެ ކުރިން އިމުގާ ފޯމް ފުރުމަށްވެސް އެމްއޭސީއެލުންވަނީ އެދިފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ޕީކް ސީޒަން ކަމުން އެއަރޕޯޓުންދޭ ޚިދުމަތްތައް ހަރުދަނާކުރުމަށްވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަނުންވަނީ އިމިގްރޭޝަން ކައުންޓަރުތައްވެސް އިތުރުކޮށްފައެވެ. އޭގެތެރޭގައި ޑިޕާޗަރއަށް 7 ކައުންޓަރ އަދި އެރައިވަލްއަށް 11 ކައުންޓަރ އިތުރުކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

ފަތުރުވެރިންގެ ޕީކް ސީޒަނާއި ދިމާކޮށް އެއަރޕޯޓަށް ބާރުބޮޑުވުން ކުޑަކުރުމުގެ ގޮތުން، މިދިޔަ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. އައު ރަންވޭއާއެކު އެއަރޕޯޓްގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް އަންނާނެކަން އެމް.އޭ.ސީ.އެލްއިން އޭރުވަނީ ބުނެފައެއެވެ.

މީގެ ކުރިން ރަންވޭ ބޭނުންކުރެވޭނީ ގަޑިއަކު 8 ނުވަތަ 10 ފްލައިޓަށެވެ. ނަމަވެސް އައު ރަންވޭއާއެކު ގަޑިއަކު ރަންވޭ ބޭނުންކުރާ ފްލައިޓްގެ އަދަދު ވިއްސަށްވުރެ އިތުރުވެގެންދާނެއެވެ. މަތިންދާ ބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓު، 2 މިނެޓަށް ކުޑަވެގެންދާނެއެވެ.