ޚަބަރު

ފެނަކައިން ސާބިތުކޮށްދިނީ ވާނެކަން، 70އަށްވުރެ ގިނަ އިންޖީނުގެ ޒަމާނީ އިންޖީނުގެތަކަށް


ދާދި ފަހަކާޖެހެންދެންވެސް ރާއްޖޭގައި، ރައްޔިތުން އަމިއްލައަށް އިންޖީނުގެ ހިންގާ، ރަށަށް ކަރަންޓު ފޯރުކޮށްދެމުން އައިސްފައިވެއެވެ. އަމިއްލައަށް އިންޖީނު ގަނެ ތެލާއި، ކަރަންޓުގެ ނެޓްވޯކް ބެލެހެއްޓީ ރަށްރަށުގެ ޖަމްޢިއްޔާތަކާއި ރައްޔިތުން ގުޅިގެންނެވެ. ރައްޔިތުން ހިންގަމުން އައި އިންޖީނުގެތަކާއި ސަރުކާރުން ހަވާލުވާން ފެށީ 2000ގެ ކުރީކޮޅުންފެށިގެންނެވެ.

ރައްޔިތުންގެ އިންޖީނުގެތަށް ސަރުކާރަށް ދޫކޮށްލީ ބޮޑެތި އުއްމީދުތަކާއެކުއެވެ. ކެޕޭސިޓީ ކުޑަވުމުގެ ސަބަބުން ދުވަހުގެ ވަކި ވަގުތުތަކުގައި ލިބެމުންދިޔަ ކަރަންޓުގެ ޚިދުމަތްތައް ތަރައްޤީވެ، ރައްޔިތުން ބޭނުންވާފަދަ ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ބަދަލުވެގެންދާނެކަމުގެ ފޮނި އުއްމީދުގައެވެ.

ނަމަވެސް މީގެ 4 ވަރަކަށް އަހަރު ކުރިއާއި ހަމައަށްވެސް، ރައްޔިތުން ސަރުކާރާއި ހަވާލުކުރި ގިނަ އިންޖީނުގެތަކެއް ހުރީ އެންމެ ކުރީގައިވެސް ހުރި ޙާލަތުގައި މާބޮޑު ބަދަލެއް ނައިހެވެ. ކަރަންޓު ކެޕޭސިޓީ އިތުރުކުރިނަމަވެސް، ޚިދުމަތުގެ ފެންވަރާއި، އިންޖީނުގެތަކުން ރައްޔިތުންނަށް ލިބެމުން އައި ތަކުލީފަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ރަށު މެދުގައި ބާވެ ހަލާކުވެފައި ހުރި ޢިމާރާތުގައި އިންޖީނުގެ ހިންގަމުން އައި އެތަށް ރަށެއްގެ އޮތެވެ.

އިންވެގެން ހުރި ގޭގޭގެ އިމާރަތަށް ރެނދު އަޅާ ލިބެމުންދިޔަ ގެއްލުންތަކާއި، އިންޖީނުގެއިން އަރަމުންދިޔަ ދުމާއި ދުނބުޅިއާއި ބާރު އަޑުފައްގަނޑުން ސަލާމަތްވެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތަށް ރައްޔިތުންނެއް ތިއްބެވެ.

އިންޖީނުގެތަށްވެސް ބާވެ ހަލާކުވެ، އިމާރާތް ބޮލަށް ވެއްޓޭ ފެންވަރުގައި ހުރި ތަންތަންކޮޅުގައިވެސް އިންޖީނުގެ ހިންގަމުން އައެވެ.

ރަށްރަށުގެ ޙާލަތު ބަދަލުކޮށްލި 4 އަހަރު

އަތޮޅުތަކުގެ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ޙިއްސާއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއެވެ. ރަށްރަށުގެ އިންޖީނުގެތަށް ފެނަކައިގެ ދަށަށް ބަދަލުކޮށް، މިދިޔަ 4 އަހަރުގެ ތެރޭގައި ފެށި އެންމެ މުހިންމު މަސައްކަތަކީ، މިގޮތަށް ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކޮށް، ޒަމަނީ ކަރަންޓުގެ ވިއުގަތަށް ރަށްރަށުގައި ޤާއިމުކުރުމެވެ.

ފާއިތުވި 4 އަހަރުގެ ތެރޭގައި، އަތޮޅުތަކުގެ 66 ރަށެއްގައި އިންޖީނުގެ ހިންގުމަށް ޒަމާނީ އިންޖީނުގެ އަޅާ، ރަށު ތެރޭގައި ހުރި އިންޖީނުގެތަށް އާ ޢިމާރާތްތަކަށް ބަދަލުކޮށްފައިވެއެވެ. ފެނަކައިން އިންޖީނުގެތަކާއި ކަރަންޓު ވިއުގަ ޤާއިމުކުރަނީ، ރަށްރަށުގައި އިތުރުވާނެ އާބާދީއަށް ބަލާ ޚިދުމަތް ދެވޭނެ ކެޕޭސިޓީއާއެކުއެވެ. މިއީ ކުރިމަގުގައި މި ދާއިރާއަށް ކުރާ ހޭދަ އެތަށް ގުނައެއް ކުޑަ ކުރެވޭނެ ކަމެއްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އިތުރު 4 ރަށަކަށް ކަރަންޓުގެ ޔަޤީންކަން

މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ބަދަލުކޮށް، ފެންވަރު ރަނގަޅު ނެޓްވޯކާއިއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކައިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އާދިއްތަ ދުވަހު އެ ކުންފުނިންވަނީ އިތުރު 4 ރަށެއްގެ ބައު އިންޖީނުގޭގެ ޚިދުމަތް ޒަމާނީކޮށް އައު އިންޖީނުގެއަށް ބަދަލުކޮށްފައެވެ.

މި ހަތަރު ރަށުގެ ތެރޭގައި ހިމެނޭ އެއް ރަށަކީ ނ.ފޮއްދޫއެވެ. އެރަށުގައި ކުރިން ބޭނުންކުރަމުން އައި އިންޖީނުގެއަކީ މީގެ 19އަހަރު ކުރިން އެރަށުގައި ބޭނުންކުރަން ފެށި އިންޖީނުގެއެވެ.

ދެވަނަ ރަށަކީ ގއ.ކޮންޑޭއެވެ. އެރަށުގައި މިހާތަނަށް ބޭނުންކުރަމުން އައީ މީގެ 21 އަހަރު ކުރިން އެރަށުގައި ބޭނުންކުރަން ފެށި އިންޖީނުގެއެވެ. އަދި ދ.މީދޫގައި ކުރިން ބޭނުންކުރި އިންޖީނުގެއަކީ 22 އަހަރު ކުރިން ބޭނުންކުރަން ފެށި އިންޖީނުގެއެވެ.

މީގެ އިތުރުން މ.ރަތްމަންދޫ އިންޖީނުގެއަކީ 1990ގެ ފަހުކޮޅު، މީގެ 24 އަހަރު ކުރިން ޚިދުމަތް ދޭން ފެށި އިންޖީނުގެއެވެ.

އެރަށްރަށުގެ ޒަމާންވީ އިންޖީނުގެތަށް ނިއްވާލާ، 18 ޑިސެމްބަރުން ފަށައިގެން މި ރަށްރަށުގެ އައު އިންޖީނުގެތަކުން ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ޒަމާނީކުރި އިންޖީނުގެތަކުގެ ޢަދަދު 70އަށް

އައު އިންޖީނުގެތައް ތަރައްޤީކުރުމުގެ މަސައްކަތަކީ، ފެނައިން އަތޮޅުތަކަށްދޭ ކަރަންޓުގެ ޚިދުމަތް ޒަމާނީ ވިއުވައެއްގެ ތެރެއިން ދިނުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ. އަދި މިކަމުގެ ކާމިޔާބީ އެ ކުންފުނިންވެސް ފާހަގަކުރެއެވެ.

ކުރިން އެކި ބޭނުންތަކަށް ބޭނުންކުރި އިމާރާތްތަކުގައި އިންޖީނުގެ ހިންގަމުން އައި ރަށްރަށަށް މިއަދު ވަނީ، އިންޖީނުގެ ހިންގަން ޚާއްސަ އިމާރާތްތައް ލިބިފައެވެ. ބައެއް އާބާދީ ބޮޑެތި ރަށްރަށާއި، ގުޅިފައިވާ ރަށްރަށުގައި ސަރަޙައްދީ ފެންވަރުގެ ސެންޓްރަލް ޕަވަރ ހައުސްތައް ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ.

އަލަށް ޚިދުމަތް ފެށި 4 އިންޖީނުގެއާއެކު، މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރި އިންޖީނުގޭގެ އަދަދު ވަނީ 70 އަށް އަރާފައެވެ. ފެނަކަ ކޯރޕަރޭޝަންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ފާއިތުވި 4 އަހަރުގެ ތެރޭގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކަ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.