ޚަބަރު

8000 އެނދުގެ ތަސައްވުރާއެކު ދެކުނު ފަތުރުވެރިކަމަށް އުޖާލާ މުސްތަޤްބަލެއް


ރާއްޖޭގެ ދެވަނައަށް އެންމެބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީއަކީ ފަތުރުވެރިކަން ތަރައްޤީވަމުން އަންނަ ސަރަހައްދެކެވެ. އަދި މިދާއިރާގައި އެސިޓީގެ ޒުވާނުންގެ ބައިވެރިވުންވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ނަމަވެސް، އަމިއްލަ ރަށުގައި ތިބެގެން މި ސިނާޢަތުގައި މަސައްކަތްކުރުމަށް ގޮންޖެހުން ހުރިކަން ޒުވާނުން ފާހަގަކުރެއެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށް ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރުކުރެވޭނެ ފަދަ ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުމަކީ ސަރުކާރުގެ ތަޞައްވުރެވެ. އެގޮތުން، އެކަން ޙާސިލްކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޑޫސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަމެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން އައްޑޫސިޓީއަށް ދަތުރު ނުކުރަނީ ރާއްޖެ އައިސް އައްޑޫ ސިޓީއަށް އަނެއްކާވެސް ދަތުރެއް ކުރަންޖެހޭތީއެވެ.

މީގެއިތުރުން، އެސަރައްދުގައި އެކަށިގެންވާ އެނދުނެތުމަކީވެސް އައްޑޫސިތީގައި ފަތުރުވެރިކަން ފުޅާކުރުމަށް ދިމާ ބޮޑު ގޮންޖެހުމެކެވެ. އެގޮތުން، އައްޑޫ ސިޓީގައި 8000 އެނދު ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިމަޝްރޫއުގެ ދަށުން ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ މި ބިންތަކުގައި ގެސްޓް ހައުސްއާއި ސިޓީ ހޮޓާތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

އައްޑޫ ސިޓީގައި މިހާރު ހުރި އެންދުގެ އަދަދުތަކަށް ބަލާއިރު، އެސަރަހައްދުގައި މިހާރު ހުރީ ޖުމްލަ 1506 އެނދެވެ. އެއީ 1086 އެނދުގެ 3 ރިސޯޓާއި، 156 އެނދުގެ ސިޓީ ހޮޓަލަކާއި 264 އެނދުގެ 18 ގެސްޓްހައުސްއެވެ. އައްޑޫސިޓީގައި މިހާރު ހުރި އެނދުތަކުގެ އަދަދު އިތުރުކުރުމުގެ ގޮތުން، ސަރުކާރުންދަނީ އެސަރަހައްދުގައި 8000 އެންދު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންވެ.

8000 އެނދު ތަރައްޤީކުރުމުގެ މަޝްރޫޢު

* ހަންކެޑެ ޕްރޮޖްކްޓް : 2400 އެނދު
* ޓޫރިޒަމް ޒޯން ޕްރޮޖެކްޓް : 5100 އެނދު
* ކުރޫޒް ޓަތމިނަލް : 300 އެނދު
* ސަންސެޓް ބީޗް ؛ 240 އެނދު
* ދޫގަސް އެއަރޕޯތް ހޮޓެލް : 260 އެނދު
* މާރަނގަ އެއަރޕޯޓް ހޮޓެލް : 100 އެނދު
* ބިން ހިއްކައިގެން ތަރައްޤިކުރާ 5 ރިސޯޓް : 1000 އެނދު

ފަތުރުވެރިކަމުގެ ސިނާޢަތް ރާއްޖޭގައި ކުރިއަރާފައިވާ މިދަނޑިވަޅުގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކުރުމަކީ މުހިންމުކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. އެގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓް ހައުސްގެ ވިޔަފާރީ ފުޅާކުރުމަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އެސް.އެމް.އީ ބެންކުން ތަޢާރަފްކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި 'އައްޑޫ ސްޓޭޓަސް އަދި ސްޓޭކް ހޯލްޑަރ އެންގޭޖްމަންޓް' ގެ ނަމުގައި، އިކޮނޮމިކް މިނިސްޓްރީއާއި އައްޑޫސިޓީ ކައުންސިލުން ވަނީ ދާދިފަހުން ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ދާދިފަހުން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި، އައްޑޫސިޓީ ކައުންސިލާއި ބައްދަލުކުރައްވާ ދެކުނުގެ ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަޝްރަވާތަކެއް ވަނީ ކުރައްވާފައެވެ. އަދި އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ތަޢުލީމާއި ޞިއްޙީ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަމަށް ނައިބު ރައީސް ވިދާޅުވެފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެ ދަނީ ގިނަ ކުރިއެރުންތައް ހޯދަމުންނެވެ. އަދި ދެކުނުގެ ފަތުރުވެރިކަމަށްވެސް އުޖާލާ މުސްތަގްބަލެއް އެބައޮތްކަމަށް ޓުރިޒަމް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ޔޫ.އޭ.އީގެ ބަޖެޓް އެއަރލައިން، ފަލއިދުބާއީން އަންނަ ފެބްރުއަރީމަހު އައްޑޫއަށް ސީދާ ދަތުރުތައް ފެށުމާއިއެކު، އެސަރަހައްދުގެ ފަތުރުވެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފްލައިދުބާއީން އައްޑޫއަށް ސިދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާތީ އައްޑޫ ސިޓީ ކައުންސިލުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ. އޭގެތެރޭގައި، އެސަރަހައްދުގައި ހުރި ރެސްޓޯރެންޓްތައް އަޕްގްރޭޑްކުރުމާއި، ފަތުރުވެރިން ޚާއްސަ ބީޗް ސަރަހައްދުތައް ތަރައްޤޤީކުރުންވެސް ހިމެނެއެވެ.