ކުޅިވަރު

ޕެނަލްޓީގައި ފްރާންސް ބަލިކޮށް އާޖެންޓީނާއިން ތިންވަނަ ފަހަރަށް ތަށި އުުފުލާލައިފި


ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް އާޖެންޓީނާއިން ތިންވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕުގެ ތަށި އުފުލާލައިފިއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި އާދޫީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ.

މި މެޗު ފަށައިގެން 23 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ލަނޑު ޖަހާ ލީީޑު ނަގާފައެވެ. އޭރިއާ ތެރެއިން ފްރާންސްގެ އޮސްމާން ޑެމްބަލޭ އާޖެންޓީނާގެ އެންހެލް ޑި މާރިއާއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީ އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.

މި ލަނޑާއެކު މެސީ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖާއި ދެވަނަ ބުރާއި، ކުއާޓާ ފައިނަލާއި، ސެމީ ފައިނަލުގެ އިތުރުން ފައިނަލްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އަލެކްސިސް މެކަލިސްޓާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ޖަހާދިނީ ޑި މާރިއާއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ފްރާންސް ޓީމުން ކުޅުން ރަނގަޅު ކުރި ނަމެވެސް ހަމަލާއެއް އުފެއްދޭ ވަރުވީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ކީލިއަން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށެވެ.

މި މެޗުގައި ފްރާންސްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މިއީ ކޯލޯ މުއާނީއަށް އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ.

ޕެނަލްޓީ ޖެހިތާ މިނެޓެއް ފަހުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ ފްރާންސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު މެސީ ވަނީ ލަނޑު ޖަހާ އާޖެންޓީނާއަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މި ހާފު ނިމުމުގެ ކުރިން އެމްބާޕޭ ވަނީ ލިބުނު ޕެނަލްޓީއަކުން އަލުން ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގެ ފައިނަލުގައި ހެޓްރިކެއް ފެނުނު ފުރަތަމަ ފަހަރެވެ.

ޕެނަލްޓީގައި ފްރާންސްގެ ކްންގްސްލީ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދިފާއުކުރިއިރު، އައުރެލިން ޝުއަމޭނީ ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އެކަމަކު އާޖެންޓީނާއިން ވަނީ ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް މެޗު ކާމިޔާބު ކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއެވެ. އެންމެ ގިނަ ލަނޑު ޖެހައިގެން ރަން ބޫޓު އެމްބާޕޭ ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އާޖެންޓީނާގެ ތަރި މެސީއެވެ.

މީގެ ކުރިން 2006 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީ އަތުންވެސް ފްރާންސް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މިއީ އާޖެންޓީނާއިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. މީގެ ކުރިން 1986 ވަނަ އަހަރާއި 1978 ވަނަ އަހަރު އާޖެންޓީނާއިން ވަނީ މި މުބާރާތް ކާމިޔާބު ކޮށްފައެވެ. އަނެއްކޮޅުން 2014 ވަނަ އަހަރުގެ ފައިނަލަށްފަހު އާޖެންޓީނާއިން މި މުބާރާތުގެ ފައިނަލުގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު އަންނަނީ އާޖެންޓީނާއަށް ސަޕޯޓުކުރަމުންނެވެ. އެގޮތުން އާޖެންޓީނާއިން ތިންވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމާއެކު، އާޖެންޓީނާގެ ސަޕޯޓަރުން ރޭ މެޗަށްފަހު ވަނީ މާލޭގެ މަގުތަކުގައި އުފާފާޅުކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް ހިމެނެއެވެ.