ޚަބަރު

ލިބިދާނެ ގެއްލުމަކަށް ވިޔަފާރިތަކުން ތައްޔާރުވެފައެއް ނުހުރޭ: އޮޑިޓަރ


ލިބިދާނެ ގެއްލުމަކަށް ގިނަ ވިޔަފާރިތަކުން ތައްޔާރުވެގެން ނުތިބޭކަމަށާއި، މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް އޮޑިޓަރ ޖެނަރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނަަރލް މިހެން ވިދާޅުވީ އެމް.ޕީ.އެލްއިން އިންތިޒާމްކޮށްގެން ބޭއްވި "އެންޓަރޕްރައިސަސް އިސްކް މެނޭޖްމަންޓް ފޯރަމް" ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އެމް.ޕީ.އެލްއިން އިންތިޒާމްކޮށްގެން ބޭއްވި "އެންޓަރޕްރައިސަސް ރިސްކް މެނޭޖްމަންޓް" ފޯރަމްގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެންރަލް ވިދާޅުވީ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް ކުރިއާލައި ސިޔާސަތުތައް ކަނޑައަޅާފައިވާ ކުންފުނިތައް ރާއްޖޭގައި ވަރަށް މަދުކަމަށެވެ.

އޮޑިޓަރ ޖެނަރަލް ހުސެއިން ނިޔާޒީ ވަނީ ރާއްޖެއަށް ދިމާވި އެންމެ ބޮޑު ކާރިސާއަކީ ކޯވިޑް-19ގެ ބަލިމަޑުކަން ފާހަކުރައްވާފައެވެ. އަދި އެ ޙާލަތުގައި އިޤްތިޞާދީގޮތުން ކުރިމަތިިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ ކުންފުނިތަކާއި އިދާރާތަކުން ކުރިއާލައި ސިޔާސަތުތައް ކަނޑައަޅާފައި ނުވާކަމަށް އޮޑިޓަރ ޖެނަރަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި އެހެން ޤައުމުތަކަށްވުރެ ބޮޑެތި ކާރިސާތައް ހިނގާފަނެތަސް، ހަމަ ބޮޑެތި ކަންކަން ހިންގާފަި އެބަހުރި. މިކަންކަމުން އަޅުގަނޑުމެން ތަޖުރިބާ ލިބިގަނެ އެކަންކަން ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންއެބަޖެހޭ" އޮޑިޓަރ ޖެނަރަލް ހުސެއިން ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނަރަލް ވިދާޅުވީ މިފޯރަމަކީ އެމް.ޕީ.އެލްއަށް ވަރަށް މުހިންމު ފޯރަމްއެއްކަމަށެވެ. ސަބަބަކީ އެމް.ޕީ.އެލްއަކީ ވިޔަފާރީގެ ގޮތުންނާއި، ރައްކާތެރިކަމުގެ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކުންފުންޏަކަށްވާތީކަމަށް އޮޑިޓަރ ޖެނަރަލް ފާހަގަކުރެއްވިއެވެ. އެގޮތުން، މިފަދަ ގެއްލުންތަކުން ރައްކާތެރިވުމަށް އެމް.ޕީއެލްގެ ސިޔާސަތުތައް އިތުރަށް ޚަރުދާނާކުރުނު މުހިންމުކަމަށް އޮޑިޓަރ ޖެނަރަލް ފާހގަކުރެއްވިއެވެ.

އޮޑިޓަރ ޖެނަރަލް ވިދާޅުވީ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކުންފުނިތަކުގެ ތެރެއިން ވަކިން ޚާއްސަ ބަޔަކު ކަނޑައަޅާ މިހާރު ހުރި ސިޔާސަތުތަކަށް ބަދަލުގެނައުމަށް ރާއްޖޭގެ ހުރިހާ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފާރާތްތަކުން ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން އިންތިޒާމްކޮށްގެން ބޭއްވި ރިސްކް މެނޭޖްމަންޓް ފޯރަމްއަކީ ކުންފުންޏަކަށް ނުވަތަ އިދާރާއަކަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ އެބގެއްލުންތަކުން ރައްކާތެރިވުމަށް ކުރިއާލައި ތައްޔާރުވުމަށް ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވި ފޯރަމްއެކެވެ. މިއީ ރާއްޖޭގައި މިފަދަ ފޯރަމެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.

މިފޯރަމްގައި އެމް.ޕީއެލްގެ އިސްބޭފުޅުންނާއި، އޮޑިޓަރ ޖެނަރަލް އޮފީހުގެ އިސްބޭފުޅުންގެ އިތުރުން، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މިފޯރަމްގައި ބައިވެރިވެފައެވެ. މިފޯރަމްގައި މިބޭފުޅުން ވަނީ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތަކާއި، އެގެއްލުންތަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ ކަންތައްތަކާމެދުވެސް މަޝްވަރާކުރައްވާފައެވެ.