އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ނެޝަނަލް އިންސްޓްޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމެންޓް އެންޑް ޕަންޗަޔާތީ ރާޖުގައި ކުރިއަށްދާ ޚާއްސަ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ވަފްދެއް އިންޑިއާއަށް ފުރައިފިއެވެ.
މިމަހުގެ 19 އިން 31 އަށް ހިންގާ މި ތަމްރީން ޕްރޮގްރާމުގައި އަތޮޅު ކައުންސިލް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 21 އޮފިޝަލަކު ބައިވެރިވެއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމެންޓް (އެމް.އޯ.އާރް.ޑީ) ގެ ދަށުން ހިންގާ ތަމްރީން މަރްކަޒެއްކަމުގައިވާ އެން.އައި.އާރް.ޑީ.ޕީ.އާރް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިންޑިއާއަށްކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުން އަމާޒުކޮށްފައިވަނީ ރަށު އަދި އަތޮޅު ކައުންސިލް ހިމެނޭހެން ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން، އަދި އެލް.ޖީ.އޭގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި، ތަމްރީން ދިނުމުގެ މައްޗަށެވެ.
އިންޑިއާގައި ބާއްވާ މި ތަމްރީންތައް ފަރުމާކޮށްފައިވަނީ އެލް.ޖީ.އޭއިން ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން މި ތަމްރީންތައް ފަރުމާކުރުމަށް އެލް.ޖީ.އޭ އާއި އެން.އައި.އާރް.ޑީ.ޕީ.އާރް އާއި ދެމެދު ވަނީ މިއަހަރު ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ވަރޗުއަލްކޮށް އަދި ފިޒިކަލް ބައްދަލުވުންތަކެއް ބާއްވާފައިއެވެ.
އެގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި 3 ބޭފުޅުންގެ ވަފުދެއްވަނީ މި ތަމްރީންތަކަށް މަޢުލޫމާތު ހޯދުމަށް ރާއްޖެ ޒިޔާރަތްކޮށް އެލް.ޖީ.އޭ، މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ލޯކަލް ގަވަރނަންސް، ވ. ފެލިދޫ އަދި ކ. ގުރައިދޫ ކައުންސިލް އަދި ޑަބްލިއު.ޑީ.ސީގެ މެންބަރުންނާއި ބައްދަލުކުރައްވާފައިއެވެ. މި ކޯސް ބިނާކުރެވިފައިވަނީ ލެކްޗަރ އަދި މަޝްވަރާތަކުގެ މައްޗަށެވެ. އަދި ދާއިރާގެ ޚިދްމަތްތެރިންނާއި ފަންނުވެރިންގެ ދެމެދުގައި ލޯކަލް ގަވަރނަންސް އަދި ލާމަރުކަޒީ ނިޒާމުގެ މަޢުލޫމާތާއި ތަޖްރިބާ ޙިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދެވިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން އިތުރު ބެޗްތައް ތަމްރީންކުރުމަށް އެން.އައި.އާރް.ޑީ.ޕީ.އާރް އަށް ކުރިއަށްއޮތްތަނުގައި ފޮނުވޭނެއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ލޯކަލް ގަވަރނަންސް ހަރުދަނާކުރުމަށް ކުރާ މަސައްކަތައް ބާރު ލިބިގެންދާނެކަމަށް ދެ ޤައުމުގެ ސަރުކާރުން ބުނެއެވެ.