ޚަބަރު

މައްސަލަތައް ޙައްލުކުރެވޭ ފަދަ ދަރިންތަކެއް ތަރުބިއްޔަތުކުރުން މުހިއްމު: ނައިބު ރައީސް


ޤައުމުގައި މިއަދު ހުރި މައްސަލަތަކަށް ޙައްލު ގެނައުމުގެ އަމާޒާއެކު ދަރިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެވޭނެ ފަދަ ޤާބިލް ދަރިންތަކެއް ގެނެސްދެވޭނީ ސްކޫލް މަދުރަސާތަކުންކަމަށެވެ.

ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ފެނަކައިގެ މުވައްޒަފުން ފުވައްމުލައް ސްކޫލުގައި ތަރައްޤީކޮށްދީފައިވާ 2 ކްލާސްރޫމް އިފްތިތާޙްކޮށްދެއްވާފައެވެ. އެކަމަށްޓަކާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ކިތަންމެ ވަރަކަށް ތަންތަން ތަރައްޤީކުރިނަމަވެސް އޭގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދަރިންނަށް ރަނގަޅު މަގު ކޮށައި ނުދެވޭކަމުގައިވާނަމަ އެ ވަޞީލަތްތަކަކުން ލިބޭނެ ފައިދާއެއް ނެތްކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ ތަޢުލީމީ ހެޔޮ ޖީލެއް ބިނާކުރުންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، އެކަމަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށްދީ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް އެހީތެރިކަން ފޯރުކޮށްދޭކަމަށެވެ.

މިގޮތުން މިވަގުތުވެސް ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން ތަމްރީނުވަމުންދާ 18 ބޭފުޅުންގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ 2 ޕްރިންސިޕަލުންވެސް ހިމެނޭކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފުވައްމުލައް ސްކޫލަށް ދިމާވެފައިވާ ޖަގައިގެ ދަތިކަމަށް ޙައްލެއް ގެެނެސްދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ޤާއިމުކޮށްފައިވާ 2 ކްލާސްރޫމް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޙަވާލުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢިދެވެ. އަދި މި ކްލާސްރޫމްތަކާއި ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢައިޝަތު ޢަލީއެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލައް ސްކޫލްގެ ފަރާތުން ވަނީ ފެނަކަ ކޯޕަރޭޝަނަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ނައިބު ރައީސް ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުމައި ގުޅިގެން ބޭއްވި ފުޓްސަލް މުބާރާތާއި، ވޮލީ މުބާރާތް ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި ސްކޫލަށް 40 އަހަރު ފުރުމާއި ގުޅިގެން ބިނާކޮށްފައިވާ މޮނިއުމަންޓްވެސްވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

މީގެއިތުރުން ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާވެސް އެމަނިކުފާނު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ފުވައްމުލަކުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްވެސް ނައިބު ރައީސް ވަނީ ބައްލަވާލައްވާފައެވެ.