ޚަބަރު

ސްކޫލް ނިމިގެން ނުކުންނައިރު މާދަމާގެ ދިރިއުޅުމަށް ދަރިވަރުން ތައްޔާރުވާންޖެހޭ: ނައިބު ރައީސް


ކްލާސްރޫމްގެ ތެރެއިން ލިބޭ ތަޢުލީމްގެ އިތުރަށް ދަރިވަރުންނަކީ އެކި ހުނަރުތައް ދަސްކޮށްގެން ސްކޫލުން ވަކިވެގެންދާ ކުދިންނަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް މިހެން ވިދާޅުވީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރުފުރުމުގެ މުނާޞަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރުފުރުނުއިރު ވިސްނާލަންޖެހޭ އެއްކަމަކީ ސްކޫލްގެ ޙަޤީޤީ ދައުރަކީ ކޮބައިކަންކަމަށާއި ސްކޫލަކުން ކުރާ މަސައްކަތަކީ ރަނގަޅު ދަރިންތަކެއް އުފައްދާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުންކަމަށެވެ. އަދި މިކަންކަމަކީ ސްކޫލް މާހައުލުގެ އިތުރަށް އެންމެންގެ ބައިވެރިވުމާއެކު ކުރަންޖެހޭ މަސައްކަތެއްކަން ނައިބްރައީސް ފާހަގަކުރެއްވިއެވެ.

ކްލާސްރޫމްގެ ތެރެއިން ދެވޭ ތަޢުލީމްގެ އިތުރަށް ދަރިވަރުންގެ ކިިބައިގައި ހުނަރު އަށަގަންނަވަން ޖެހޭކަން ފާހަގަކުރައްވާ ނައިބްރައީސް ވިދާޅުވީ ސްކޫލް ނިމިގެންދާއިރު ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ހުނަރެއް ދަސްވެފައިވާ ބަޔަކަށް ވާންޖެހޭކަމަށެވެ.

" ރާއްޖޭގައި ތަރައްޤީގެ އެކި މަޝްރޫޢުތަކާއި ރާއްޖެ ތަރައްޤީވަމުން އަންނައިރު އެކި ދިމަދިމާލަށް އެކި ދާއިރާތަކުން ހުނަރުވެރި މީހުން ބޭނުންވާނެ. އެ ފުރުޞަތުތައްވެސް އޮންނާނެ. އެހެންކަމުން ސްކޫލް ނިމިގެން ނުކުންނައިރު މާދަމާގެ ދިރުޅުމަށް ތައްޔާރުވެފައިވާ ބަޔަކަށް ދަރިވަރުން ވާންވާނެ." ނައިބްރައީސް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް އަލި އަޅުއްވާލައްވަމުން ނައިބްރައީސް ވިދާޅުވީ އެ ސްކޫލަށް 50 އަހަރު ފުރޭއިރު އެހެން ސްކޫލްތަކަށް ނަމޫނާ ސްކޫލަކަށް ޏ.އަތޮޅު ތަޢުލީމީ މަރުކަޒު ވެގެންދާނެކަމަށެވެ. ނައިބްރައީސް ވަނީ ތައުލީމީ ދާއިރާއިން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.