ޚަބަރު

22 އަހަރުފަހުން އާއިލާ ދެކިލަން އިއްސެ ކުރި ދަތުރުވީ ފަހު ދަތުރަށް


ސިނަމާލެ ބްރިޖްގައި މިއަދު ހިނގި އެކްސިޑެންޓްގައި ދިވެހި ވިޔަފާރިވެރިންނަށް މުދާ އެތެރެކޮށްދެމުން އަންނަ ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއީލް މޫސާ (ޖަމްބޯ އިއްސެ) ނިޔާވެއްޖެއެވެ.

އިސްމާއިލް މޫސާ ނިޔާވެފައިވަނީ ސައިކަލުގައި މާލެއިން ހުޅުމާލެއަށް ދިޔަ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައެވެ. މިއެކްސިޑެންޓަށްފަހު އިސްމާއީލް މޫސާ ހޮސްޕިޓަލަށް ގެންދިޔައިރުވެސްވަނީ ނިޔާވެފައެވެ.

ހުސްވި ނޮވެމެބްރު މަހުގެ ތެރޭގައި އިސްމާއިލް މޫސާ ރާއްޖެ އައިސްފައިވަނީ 22 އަހަރުވަންދެން ރާއްޖެ ނައިސް ބެންކޮކްގައި ހުރުމަށްފަހު އާއިލާއާ ބައްދަލުކުރުމަށްޓަކައެވެ. މިދަތުރުގައި އޭނާވަނީ އުފަން ރަށް ފުވައްމުލަކަށް ގޮސް އާއިލާގެ މެމްބަރުންނާވެސް ބައްދަލުކޮށްފައެވެ. އަދި މާލޭގައި މިވީ ދުވަސްތަކުގައިވެސް ގާތް ރަށްޓެހިންނާއި، ވިޔަފާރިވެރިންނާ ބައްދަލުކޮށްފައިވާ ފޮޓޯތައް އޭނާވަނީ ސޯޝަލް މީޑިޔާއަށް ހިއްސާވެސްކޮށްފައެވެ. އާއިލާގެ ފަރާތުން ޕީއެސްއެމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާޢިލް މޫސާވަނީ މާލޭގައި ތިބި އާއިލާގެ މެމްބަރުންނާއެކުވެސް ކެއުމެއްގައި ބައިވެރިވެފައެވެ.

ޖަމްބޯ އިއްސެ ވަނީ އުފަންރަށް ފުވައްމުލަކުގައާއި ހެންވޭރުގައިވެސް ފައިވާން ފިހާރައެއް ހިންގާފައެވެ. އޭނާ މީގެ 22 އަހަރު ކުރިން ބެންކޮކަށް ދިރިއުޅުން ބަދަލުކުރުމަށް ފަހުގައިވެސް ކުރަމުން އައި މަސައްކަތަކީ ފައިވާން އުފައްދާ ވިއްކުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން އޭނާ ވަނީ ޖަމްބޯ ފޯވާޑިން ކޯ ލިމިޓެޑް ކިޔާ ކުންފުންޏެއް އުފައްދާ އެތަނުން ދިވެހި ވިޔަފާރިވެރިންނަށް ފައިވާން އުފައްދާދީފައެވެ. އޭގެ ފަހުން، އޭނާ އަންނަނީ ބެންކޮކުން ދިވެހި ވިޔަފާރިވެރިންނަށް މުދާ ފޮނުވައިދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

އިއްސެގެ އާއިލާ މީހަކު ޕީއެސްއެމަށް މަޢުލޫމާތު ދެމުން ބުނީ މިިދިޔަ މަހުގެ 10 ވަނަ ދުވަހު އިއްސެ ރާއްޖެއައިސް އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެނބުރި ބެންކޮކަށް ދިޔުމަށްހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުކަމަށް އާއިލީ ބައްދަލުވުންތަކުގައި ބުނެފައިވާ ކަމަށެވެ.

އިއްސެ ނިޔާވިއިރު އޭނާގެ އަންބަކާއި 5 ކުދިން ދުނިޔޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 4 ކުދިން ތިބީ މާލޭގައެވެ. އަދި އޭނާގެ އަނބިމީހާއާއި އަނެއް ދަރިފުޅު ހުރީ ބެންކޮކްގައެވެ. ނިޔާވި އިރު އޭނާގެ އުމުރަކީ 54 އަހަރެވެ.

ޖަމްބޯ އިސްމާއިލްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު މާލޭގައެވެ.