ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
ރޭ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ތިލަ-މާލެ ބުރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ އެކޮމަޑޭޝަން ބްލޮކުގައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި މުޅި ތަން ބޭނުންނުކުރެވޭ ވަރަށް އެއްކޮށް އަނދާފައިވާކަމަށެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން ޕްލޭނިން މިނިސްޓްރީން މިއަދު ވިދާޅުވީ އެ ތަނުގައި ތިބި މުވައްޒަފުންނަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހުރި އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކަކާއި، ގުޅީފަޅުގައި ހުންނަ ބްލޮކެއް އެކޮމޮޑޭޝަންގެ ގޮތުގައި ހަމަޖައްސާދީފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރަށް ގުޅީފަޅު ބަލަހައްޓަމުންދާ އެޗްޑީސީއާ ގުޅިގެން އެތަނުން އިތުރު ސަރަހައްދެއްވެސް އެކޮމޮޑޭޝަނަށް ލިބިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އެކި ގޮތްގޮތުން އަނިޔާވި 76 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށެވެ. އޭގެތެރެއިން 63 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. އެމީހުންގެ ތެރެއިން 6 މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގެ މަޢުލޫމާދު ފުލުހުންނަށް ލިބުނީ ރޭ 12:36 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
މި އެކެމަޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުހގެ ހާދިސާ ހިނގަން މެދުވެރި ސަބަބެއްއަދި ސާފުނުވާކަމަށާއި، އެކަން ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ތަހުގީގުކުރަމުން އަންނަކަމަށެވެ.