ޚަބަރު

ދޮންދޫނި ސްކޫލުގެ 10 އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް


ދޮންދޫނި ޕްރީސްކޫލަށް 10 އަހަރުފުރުން ފާހަގަކުރުމުގެގޮތުން އެ ސްކޫލުން ޚާއްޞަ ދުވުމެއް ބާއްވައިފިއެވެ.

2012 ވަނަ އަހަރު ހިންގަން ފެށި އެ ސްކޫލަށް މި އަހަރު 10 އަހަރު ފުރިފައިވާތީ އެކަން ފާހަގަކޮށް ހާއްސަ ދުވުމެއް ބާއްވާފައި ވަނީ މިއަދުއެވެ. އެ ދުވުން ބާއްވާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މި ދުވުމަކީ އެ ސްކޫލުގައި މިހާރު ތިބި ދަރިވަރުންނާއި އިސް ދަރިވަރުންނަށް ވެސް ހިމެނޭހެން ކުރިއަށް ގެންދިޔަ ދުވުމެކެވެ.

އެ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް ހަސަން މޫސާ ފިކުރީ ވިދާޅުވީ ސްކޫލަށް ކާމިޔާބު 10 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ދުވުމަކީ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ފެށުން ކަމަށެވެ.

އެގޮތުން ދުވުމެއްގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިިއުމަށް ނިންމާފައިވާކަމަށްވެސް ފިކުރީ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވީ ކުރިއަށްހުރި ހަރަކާތްތަކުގެ ތެރޭގައި ގުރުއާން މުބާރާތަކާއި، އަދަބީ ބައެއް ހަރަކާތްތައް ވެސް ކުރިއަށްގެންދާނެ ކަމަށެވެ. މީގެ އިތުރަށް އާޓް އެގްޒިބިޝަން އަކާއި، ހެންޑްބޯލް އަދި ފުޓުބޯޅަ މުބާރާތެއްވެސް ބޭއްވުމަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވީ މި މުބާރާތްތައްކަކީވެސް ސްކޫލުގެ އިސް ދަރިވަރުންނާއި މިހާރު ތިބި ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތަކެކެވެ.


ސްކޫލަށް 10 އަހަރު ފުރުނު އިރު އެ ސްކޫލުން ކިޔަވައިގެން ނުކުތް ދަރިވަރުން އެކި ސްކޫލްތަކުގައި ތައުލީމް ހާސިލްކުރަމުންދާއިރު، މަތީ ވަނަތައް ލިބުމާއި، އެކި މަގާމުތަކުގައި ދަރިވަރުން ތިބިކަން އެއީ ސްކޫލަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް ފިކުރީ ސިފަކުރެއްވިއެވެ.