ޚަބަރު

ޙުސައިން ދެއްކެވީ ޢަރަބިއްޔާގައި ހުރި މައްސަލަތަކާއި އެކަމަށް އޮތް ހައްލު!


އަރަބިއްޔާ ސްކޫލުގެ ހިންގުމުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުކޮށް، ސްކޫލް ހިންގުމަށް ބަދަލުތަކެއް ގެންނަވަމުންދާކަަމަށް ޢަރަބިއްޔާ ސްކޫލުގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވާ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލުގެ ހިންގުމާއި، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ސަޢީދު ވަގުތީގޮތުން ހަވާލުވެވަޑައިގަތީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އެސްކޫލްގެ ހިންގުން ޙުސައިންއާއި ހަވާލުކޮށްފައި ވަނީ އެ ސްކޫލް ހިންގުމުގައި އިދާރީ ގިނަ މައްސަލަތަކެއް ހުރިކަން އެޑިއުކޭޝަން މިނިސްޓްރީއަށް ފާހަގަވެ އެކަންކަން ހައްލުކުރުމަށެވެ.

އަރަބިއްޔާގެ ހިންގުމާ ހަވާލުވުމަށް ފަހު މަހެއްހާ ދުވަސްވެފައިވާއިރު، އެ ސްކޫލްގެ ކުރިމަގާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހުސައިން ސަޢީދު ވިދާޅުވީ އަރަބިއްޔާއާ ހަވާލުވިއިރު އެ ސްކޫލުގައި ގިނަ މައްސަލަތަކެއް ހުރިކަމަށެވެ. އަރަބިއްޔާ ސްކޫލުގައި އެންމެ ފުރަތަމަ މުދައްރިސްކަންވެސް ކުރައްވާފައިވާ ޙުސައިން ސައީދު ވަނީ އޭރާއި މިހާރުގެ ހާލަތު އަޅާކިޔުއްވައި، މިހާރު ފެންނަނީ އޭރުގެ އަރަބިއްޔާ ނޫން ކަމަށް ވިދާޅުވެފައެވެ.

ސްކޫލުގެ ހިންގުން ބޮއްސުންލާފައިވާ މިންވަރު ސިފަކޮށްދެއްވަމުން އޭނާ ފާހަގަކުރެއްވީ އެ ސްކޫލުގައި އެކްޝަން ޕްލޭނެއް ނެތުމެވެ. އެގޮތުން ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އެ ސްކޫލްގައި އެކްޝަން ޕްލޭނެއް ނެތުމާއި، ސްކޫލުން އަމަލުކުރާނެ ގޮތުގެ އުސޫލެއް ނެތުމަކީ ސްކޫލުގައި ހުރި އެންމެ ބޮޑު މައްސަލަ ކަމަށް ކަންބޮޑުވުމާއެކު އޭނާ ފާހަގަކުރެއްވިއެވެ.

"އަރަބިއްޔާގައި ނެތް އެތަނަށް ބޭނުންވާ އިންޓާނަލް ޕޮލިސީއެއް ހެދިފައެއް. މިހާރުވެސް ކަމެއް ދިމާވެއްޖެއްޔާ އަހާލަން ޖެހޭނީ މިތާނގަ މިކަންކަން ކުރީ ކިހިނެތް ހެއްޔޭ. މި ދެންނެވި ޕޮލިސީތަކަކީ ސްކޫލްގެ ތެރެއިން ހެދިފައި ހުންނަން ޖެހޭނެ އެއްޗެހިތަކެއް. މިކަންކަން ވެފައި ނެތީމަ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން އެބަޖެހޭ." ހުސައިން ވިދާޅުވިއެވެ.


ހުސައިން ވިދާޅުވީ ސްކޫލުގައި ހިންގުންތެރިކަމަކާއި، ހިންގާނެ ގޮތުގެ އުސޫލެއް ނެތުމުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއްދުވަކު ކަން ހިނގާ އުސޫލުން، ދެވަނަ ދުވަހުކަން ނުހިނގުން ކަމަށެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަށް އެތަނަށް ބޭނުންވާ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އެކްޝަން ޕްލޭނަށް ފަހު، ސްކޫލް ހިންގުމުގެ ޕޮލިސީ އެކުލަވާލާނެ ކަމަށާއި، ވީހާވެސް އަވަހަށް އެކަންވެސް ހައްލުވާނެކަމަށް ޙުސައިން ވިދާޅުވިއެވެ.

ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަލައަކީ އެ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ރާއްޖޭގައި ހޮވާ ޓޮޕްޓެން ޖަލްސާގައި ބައިވެރިވެ އެ ކުދިންނަށް ވަނަ ލިބުމުގެ ފުރުސަތު ނެތުންކަން ހުސައިން ފާހަގަކުރެއްވިއެވެ. އަރަބިއްޔާގެ ދަރިވަރުންނަށް އެ ފުރުސަތު ގެއްލިފައި އޮތީ އެ ސްކޫލަކީ މިސްރުގެ މަންހަޖަކަށް ކިޔަވައިދޭ ސްކޫލެއް ކަމަށްވާތީއެވެ.

އެކަމާ ގުޅޭގޮތުން ހުސައިން ސިފަކުރެއްވީ އަރަބިއްޔާގެ ދަރިވަރުންނަށް އެ ފުރުސަތު ގެއްލިފައި އޮތުމަކީ ސްކޫލުގެ ދަރިވަރުންނަށް ދިމާވާ ވަރަށް ބޮޑު ދެރައެއްގެ ގޮތުގައެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ވެސް މިނިސްޓްރީއާ އެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ޙުސައިން ވިދާޅުވިއެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަރަށް ޕޮޒިޓިވްކޮށް އެކަން ނެންގެވީ. އަޅުގަނޑު އުންމީދުކުރަނީ ދެން އަންނަ އަހަރުގެ ޓޮޕް ޓެން ޖަލްސާގައި އަރަބިއްޔާގެ ކުދިންނަށް ވެސް އެހެން ކުދިންނެކޭ އެއްގޮތަށް އިނާމު ލިބޭނެއޭ." ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 19 ކްލާސްރޫމުގައި ކިޔަވާދޭ އެ ސްކޫލުގައި ޒަމާނީ ވަސީލަތްތަކުގެ ދަތިތައް ވެސް ހުރިކަމަށާއި، މަޑުމަޑުން އެކަން ވެސް ހައްލުކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެ ސްކޫލް ޒަމާނީކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

އަރަބިއްޔާ ސްކޫލް ހިންގުމަށް ބަދަލުތައް ގެނެސްފައި މިވަނީ ސްކޫލުގެ އިމާރާތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗާންދަނީމަގު އަމީނިއްޔާ ކުރިމަތިން ހުޅުވި އަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި އެތަނަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެ ސްކޫލްގެ ބެލެނިވެރިން އުފުލިއެވެ. އެހެންކަމުން އެސްކޫލުގެ ދަރިވަރުން ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތަށް ބަދަލުކޮށް، ދާއިމީ ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެކަމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ބައު ޖަމާލުއްދީން ސްކޫލް ހިންގި ބިމެވެ.

އެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ސްކޫލްގައި ޤާއިމްކުރާ ޒަމާނީ ވަސީލަތްތަކާއެކު ދަރިވަރުންގެ ކިޔެވުމަށް މިހާރު ހުރި ގިނަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެއެވެ.