ޚަބަރު

އެކެއްގެ ނަމުގައި އެންމެ ގިނަވެގެން ދޫކުރާނެ ސިމުގެ ޢަދަދު ކަނޑައަޅަނީ


އެކެއްގެ ނަމުގައި ބޭނުންކުރެވޭނީ ކިހާ ސިމެއްކަން ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން، ކެމް އިން ވިދާޅުވެއްޖެއެވެ. މި ބަދަލު ގެނައުމަށް އޮތޯރިޓީން ނިންމެވީ، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، އެފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުންނެވެ.

ރާއްޖޭގައި ސްކޭމް ކޯލްތައް ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކަން ކުރުމަށް މައިގަނޑުގޮތެއްގައި ބޭނުންކުރަނީ އެހެން މީހެއްގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ނުވަތަ ބިދޭސީންގެ ނަމުގައި ނަގާފައިވާ ސިމް ކާޑެވެ. ރާއްޖޭގައި މޮބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ނޫޅޭ ބިދޭސީން، ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު ނަގާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދާދި ފަހުން ވިދާޅުވެފައިވެއެވެ. އެއީ ކުރިން ރާއްޖޭގައި އުޅެފައި، ނަމަވެސް މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީންނެވެ. އެމީހުންގެ ނަމުގައި ނަގާފައިވާ ސިމްކާޑުތައް ކުށްކުރުމަށާއި، ސްކޭމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ބޭނުންކުރާކަމަށް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.

ސިމް ބޭނުން ކޮށްގެން ނުވަތަ ފޯނުކޮށްގެން ރާއްޖޭގައި ހިންގާ ކުށްތައް އިތުރުވަމުން އަންނާތީ އެކަން ހުއްޓުވުމަށް ފުލުހުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ދަނީ މަޝްވަރާކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ކެމްއިން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިހެން ޕްރީ އެކްޓިވޭޓަޑް ސީމް ކާޑު ވިއްކުން ހުއްޓާލުމެވެ. އެގޮތުން މިހާރު ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުންކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވެއެވެ.


ސްކޭމްތައް ހުއްޓުވުމަށް ކެމްއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެތަނުގެ ޗީފް އެގްޒެކިއުޓިވް އިލްޔާސް އަޙްމަދު ވިދާޅުވީ، ސިމް ބޭނުންކުރާ މީހުންގެ މަޢޫލޫމާތު އެންމެ ރަނގަޅު ގޮތުގައި ރާއްޖޭގައި ބަލަހައްޓަމުން ގޮސްފައިނުވާކަމަށެވެ. އިލްޔާސް ވިދާޅުވީ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމް ކޯލްތައް ހުއްޓުވުމަށް ފުލުހުންގެ އިސްނެގުމާއެކު ކަމާބެހޭ އިދާރާތައް ދާދިފަހުން ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާކަމަށެވެ. އެ ބައްދަލުވުމުގައި ފާހަގަކުރި ފިޔަވަޅުތައް އަޅޅަމުން އަންނަކަމަށް އިލްޔާސް ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލް ހާމަނުކުރައްވައެވެ.

އިލްޔާސް ވިދާޅުވީ، ސިމް ކާޑު ދޫކުރާ އުސޫލަށް ގެނައި ބަދަލަލީ އޭގެ އެއް ފިޔަވަޅުކަމަށާއި، ސިމްކާޑު ބޭނުންކުރުމާއި މައުލޫމާތު ކަށަވަރުކުރުށް ގިނަކަންތައް ކުރުމަށް ތަޢާވަލުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެކެއްގެ ނަމުގައި އެތައް ބައިވަރު ސިމްތަކެއް ހުންނަ މައްސަލައަކީވެސް ހައްލުކުރަންޖެހޭ މައްސަލައެއްކަމަށެވެ. ވަރަށް ބޮޑެތި ޢަދަދުތަކުން އެއްގެ ނަމުގައި ސިމް ހުންނަކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ، އެކެއްގެ ނަމުގައި އެންމެ ގިނަވެގެން ނެގޭނީ ކިތައް ސިމްކަން ކުރިއަށްއޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެކަމަށެވެ. އެގޮތުން މިހާރު އެކެއްގެ ނަމުގައި ސިމް ހުންނަކަމަށް މީޑިއާގައި އާންމުވެފައިވާ ޢަދަދުތަކަށްވުރެ ވަރަށް ބޮޑު ޢަދަދަކުން ސިމް ދޫކުރާނެ ޢަދަދު ދަށްކުރާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކެއްގެ ނަމުގައި ދޫކުރާނީ ކިތައް ސިމްކަން ފައިނަލް ނުވާތީ، އެ ޢަދަދު އިލްޔާސް ވިދާޅެއް ނުވެއެވެ.

"ސިމް ކާޑު އެކެއްގެ އަތުގައި އޮންނަންޖެހޭނީ ކިހާ އަދަދަކަށްތޯ އެއީ ވަރަށް ގިނަ ބަޔަކު ކުރަ ސުވާލެއް. އެހާގިނަ ޢަދަދަކަށް އޮވެގެން ނުވާނެ. އެކަމަށްވެސް ހައްލެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން މިދަނީ ސިމް ކާޑަށް ލިމިޓެއް ނުވަތަ ކޮންޓްރޯލެއް ގެނައުމަށްޓަކައި. އެ އަދަދުތައް މުޅިން ކަށަވަރުކުރެވިފައެއް ނެތް. ކިތައް ސިމްތޯ އެކެއްނަމުގައި އެންމެ ގިނައިން ދޫކުރެވޭނީ. މިހާރު ނޫސްތަކުން އެ ފެންނަ އަދަދުތަކަށްވުރެ މާ ކުޑަ އަދަދަކަށް އެ އަދަދު ވެގެންދާނީ އިނގޭތޯ." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ދިވެހިންނަށް ދޫކުރާ ސިމްގެ ޢަދަދާއި ބިދޭސީންނަށް ދޫކުރާނެ ޢަދަދު ތަފާތުވާނެކަމަށެވެ. އަދި ސިމް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކެއްވެސް ކަނޑައަޅާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މީގަ ބަލާނީ އާންމު އުސޫލަކުން އެންމެ ގިނައިން ރައްޔިތަކު ބޭނުންވާނީ ކިތައް ސިމްތޯ ނުވަތަ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް އެންމެ ގިނަވެގެން ބޭނުންވާނީ ކިތައް ސިމްތޯ. މިކަހަލަ ކަންކަމަށް ބަލާފަ އަޅުގަނޑުމެން ގޮތްތަކެއް ނިންމާނީ. އެއީ ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭގައި ކުރަން ހުރި ކަންކަމުން އެއީ ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން ކުރިއަށްގެންދާނެ." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަނީ ސިމު ނަގާފައިވާ މީހާގެ ބަދަލުގައި އެހެން މީހެއް އެ ސިމު ގެންގުޅުން ރާއްޖޭގައި އިތުރުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ސިމަކާއި ގުޅިގެން ނަގަންޖެހޭ ކޮންމެ ޒިންމާއެއް ނަގަންޖެހޭނީ ސިމް ރަޖިސްޓްރީކޮށްފައިވާ މީހާކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އެ ސިމަކާއި ގުޅޭ ކޮންމެ ކަމެއްގަ ޒިންމާ އުފުލަންޖެހެނީ ސިމް ނަގާފައިވާމީހާ. އެ ރެކޯޑްކޮށްފައިވާ މީހެއް. ނަމަވެސް ސިމް ނަގާފައިވާ މީހާގެ ބަދަލުގައި އެހެން މީހުން ސިމް ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ. ކޮންމެ ކަމެއްގައިވެސް ޒިންމާނަގަން ޖެހޭނީ ހަމަ އެމީހެއް." އިލްޔާސް ވިދާޅުވިއެވެ.

ސިމް ކާޑު ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަން މިދިޔަ ހަތަރު އަހަރު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެގޮތުން ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅެއް އަޅާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކްކުރުމާއި، 10 އައިޕީ އެޑްރެސް ބްލޮކް ކުރުމާއި، 2،796 ސިމް ކާޑުތައް ފުލުހުން މެދުވެރިވެގެން ޚިދުމަތް ކަނޑާލުން ހިމެނެއެވެ.