ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރުކުރި އައު ޢިމާރާތް ހުޅުވައިފިއެވެ. އައު ޢިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. ހޮސްޕިޓަލްގެ އައު ޢިމާރާތުގައި އަލަށް ސްޕީޗް ތެރަޕީއާއި ސައިކައިޓްރީގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
12،000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ފުވައްމުލައް ސިޓީގެ ސިއްޙީ ޚިދުމަތް ދިނުމުގައި ދިމާވަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ޖާގަ ނެތުމުގެ ދަތިކަމެކެވެ. މިކަމަށް ޙައްލެއް ގެނެސް ދެއްވުމަށް ނިންމަވާ ހޮސްޕިޓަލާއި އިންވެގެން އައު ޢިމާރާތެއް ތަރައްޤީކުރަން ފެށީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިމަސައްކަތް މިހާރުވަނީ ނިމިފައެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލަށް އިތުރުކުރި އައު ޢިމާރާތް ފުވައްމުލަކު ކައުންސިލްގެ ފަރާތުންވަނީ މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އައު ޢިމާރާތް މިނިސްޓްރީއާއި ޙަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ޢިމާރާތާއި ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމްއެވެ. މިރަސްމިއްޔާތުގައި މިޢިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
ހޮސްޕިޓަލް އައު ޢިމާރާތް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ މިއީ ފުވައްމުލަކު ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރި ދިގު އިންތިޒާރަކަށް ނިމުން ގެނުވާނެ ޢިމާރާތެއްކަމަށެވެ. އެގޮތުން ރައްޔިތުން އެތައް ދުވަހެއްވަންދެން އެދިއެދި ތިބި އެތައް ޚިދުމަތެއް އައު ޢިމާރާތުގައި އަލަށް ޤާއިމުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާންވޭ މީގެ އެތައް އަހަރެއްކުރިން 2013 ވަނަ އަހަރު އޭރު ސްޕެޝަލް ނީޑް ޔުނިޓު ހުޅުވި ދުވަހު އެދުނު އެތައް ބަޔަކު، ސްޕީޗް ތެރަޕީގެ ޚިދުމަތް ފޯރުކޮށްދިނުމަށް. އެދުވަހު އެކަން ކުރަން ތިބީ އަޅުގަނޑުމެނެއް ނޫން. އެހެންނަމަވެސް މިއަދު މިކަން ޙަގީގަތަކަށް ވެގެން މިދިޔައީ ކަމާއި ގުޅޭ ހުރިހާ ފަރާތެއް ގުޅިގެން ކުރި މަސައްކަތުން." ނައިބު ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމްވަނީ ހޮސްޕިޓަލުގެ އައު ޢިމާރާތުގައި ސީޓީ ސްކޭންގެ ޚިދުމަތް ޤާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ފުވައްމުލަކު ރައްޔިތުންނަށް ދެއްވާފައެވެ. ފުވައްމުލައް ހޮސްޕިޓަލުން އެންމެ ގިނަ ބަޔަކު މާލެއަށާއި އައްޑުއަށް ރިފަރ ކުރަންޖެހޭ ކަމަކީ ސީޓީ ސްކޭންގެ ޚިދުމަތްތަށްކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
"ފުވައްމުލަކު ރައްޔިތުންގެ ފަރާތުން އައި ތި ރިކުއެސްޓް ވަރަށް އަވަހަށް އަޅުގަނޑުމެން ޙަގީގަތަކަށް ހަދާނަން. ހޮސްޕިޓަލްގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި އެނގުނު މިތަނުގެ އެމަރޖެންސީވެސް ބޮޑުކޮށް މުވައްޒަފުންވެސް ބޭނުންވާކަން. އަންނަ ޖެނުއަރީމަހު އެމަސައްކަތް އަޅުގަނޑުމެން ފަށާނަން ޕްލޭންގައި ހިމަނައިގެން." މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރިފަރަލްއަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ފޮނުވުމަށްވުރެ މާލެ ފޮނުވުންވެސް މިވަގުތު ފަސޭހަކަމަށެވެ. އެހެންކަމުން ފުވައްމުލަކުން އައްޑޫއަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ހެދުމަކީވެސް މިހާރުން މިހާރަށް ހައްލުކުރަންޖެހޭކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ފުވައްމުލަށް ހޮސްޕިޓަލަށް އިތުރުކުރި އައު ޢިމާރާތުގައި ޚިދުމަތް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލްގެ ލެބޯޓްރީގެ ޚިދުމަތާއި ޑެންޓަލް ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތް ބައު ޢިމާރާތުން އަލަށް ހުޅުވި ޢިމާރާތް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން އަލަށް އެހޮސްޕިޓަލްގައި ސްޕީޗްތެރަކީއާއި ސައިކައިޓްރީގެ ޚިދުމަތް ފެށުމަށްވެސްވަނީ ނިންމާފައެވެ.