ވިޔަފާރި

މިފްކޯގެ އުފެއްދުންތައް ވިއްކަން އެޖެންޓަކަށް ވުމުގެ ފުރުޞަތު


އައްޑޫގައި މިފްކޯގެ އުފެއްދުންތައް ވިއްކާނެ އެޖެންޓުން ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން އިއުލާނުކޮށްފިއެވެ. މިފްކޯއިން އެޖެންޓުން ހޯދުމަށް އިއުލާންކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ހިމެނޭހެން ގުޅިފައިވާ ރަށްތަކުގައެވެ.

މިފްކޯއިން ކުރި އިއުލާނެއްގައި ވަނީ، އައްޑޫ ސިޓީގައި މިފްކޯގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށްކަމަށެވެ. އެޖެންޓުން ވިއްކަންޖެހޭ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ މިފްކޯއިން އުފައްދާ ދަޅުމަހުގެ ބާވަތްތަކާއި، ރޯ ކަނޑުމަހުގެ ބާވަތްތަކާއި، ހިކި ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން، އެހެނިހެން މިފްކޯގެ އުފެއްދުންތައްކަމަށް މިފްކޯއިން ބުންޏެވެ.

އެޖެންޓުންކަމަށް ހުށައަޅާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ގިނަވެގެން 1 ބީލަންކަމަށް މިފްކޯއިން ބުންޏެވެ. އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ 2 ފަރާތެއް އައްޑޫގައި މިފްކޯގެ އުފެއްދުންތައް ވިއްކުމަށް އެޖެންޓުންގެ ގޮތުގައި ކަނޑައެޅޭނެކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯގެ އެޖެންޓުންގެ ޒިންމާތަކުގެ ތެރޭގައި އެކުންފުނީގެ މުދާ ހިތަދޫ ނުވަތަ ފޭދޫ ބަނދަރާއި ހަމައަށް ފޯރުކޮށްދިނުމުން ގުދަން ކުރުމާއި، ވިއްކުން ހިމެނެއެވެ. މިފްކޯއިން ބުނީ އެޖެންޓުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެޖެންޓު ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަގުތަކެއް ހަމަޖައްސައިދޭނެކަމަށެވެ.

އެޖެންޓުން ކަނޑައަޅަނީ 1 އަހަރު ދުވަހަށެވެ. އެ މުއްދަތުގައި މަސައްކަތް ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެކަމަށް މިފްކޯއިން ބުނެއެވެ. 1 އަހަރު ދުވަހުގެ ތެރޭގައި މަހަކު ވަކި ޢަދަދަކަށް ވިޔަފާރި ކުރަންވާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

އެޖެންޓުންގެ ގޮތުގައި ވުމަށް ބޭނުންވާ ފަރާތްތަކަށް މިކަމަށް އެދުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

މިފްކޯއިން ދަނީ ގިނަ ބާވަތްތަކެއްގެ މަސްދަޅާއި މަހުގެ އެކި އުފެއްދުންތައް ވިއްކަމުންނެވެ. އަދި އެއީ އާންމުންގެ ތަރުހީބުވެސް ބޮޑު އުފެއްދުންތަކެކެވެ.