ޚަބަރު

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި


ފަގީރުންގެ ދަފްތަރުގައި މާލެ ސަރަޙައްދުން އަލަށް ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާލެ ސަރަހައްދުން އެ ފުރުޞަތު ހުޅުވާލާފައިވަނީ، މާލެ، ހުޅުމާލެ އަދި ވިލިމާލޭއިން ފަގީރުންގެ ލިސްޓުގައި ޖެހެން ބޭނުންވާ މީހުންނަށެވެ. އެގޮތުން މިމަހުގެ 22އިން ފެށިގެން ޖެނުއައީ 19ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ފޯމް ހުށައެޅޭނި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00އިން މެންދުރު 12:00އަށެވެ.

2022ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ޙާލަތު ބަނދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ މީހުންނަކީ މިވަގުތުވެސް ފަގީރުގެ ދަފްތަރުގައި ހިމެނޭ މީހުންނެވެ. އެފަދަ މީހުން ދަފްތަރުގައި ބައިވެރިވުމަށް އަލުން ފޯމު ހުށައަޅާކަށް ނުޖެހޭނެއެވެ.

ނަމަވެސް ދަފްތަރުގައި ރެޖިސްޓްރީވެފައިވާ އާއިލާގައި 19ޖެނުއަރީ 2023އަށް، 18އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރެއްޖެނަމަ އެފަދަ އާއިލާތަކުން އަލުން ފޯމް ހުށައަޅަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީގެ އިޢުލާނުގައިވެއެވެ.

މިކަމަށް ހުށައަޅާ ފޯމް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާ ވެބްސައިޓުން ލިބެން ހުނާނެއެވެ. އަދި މި ފޯމް ބަލައިގަންނާނީ، ފޯމްބަލައިގަތުމަށް ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީގައި ޤާއިމުކުރާ ކައުންޓަރުންނެވެ.

ނިމުނު އަހަރު ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 7700އަށްވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފައިވެއެވެ.