ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ އުފެއްދުންތައް ވިއްކަން "އެސްއެމްއީ ހަބް"


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ތަރައްޤީކޮށްފައިވާ އެސްއެމްއީ ހަބް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިހަބް ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލްއާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ތަރައްޤީކޮށްފައިވާ އެސްއެމްއީ ހަބް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މިހަބް ހުޅުވިގެން ދިއުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވުނު މުހިންމުކަމެއްކަމަށެވެ.

"މިއަދު ހުޅުވިގެން މިދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުހިންމު ދޮރުތަކެއް. ފަހި ފުރުސަތުތަކެއް. ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ވިޔަފާރިވެރިންނަށް އެފާރާތްތަކުގެ ވިޔަފާރި ޕްރޮމޯޓްކުރުމަށް ބޭނުންވެފައިވާ ތަނަކަށް މިހަބްވެގެންދާނެކަމަށް ޝައްކެއްވެސް ނެތް" މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ބޮޑު އާބާދީގެ އަންހެނުންނަކީ ގޭގައި ތިބެގެން އާމްދަނީ ހޯދަމުންދާ އަންހެނުންނަށް ވީއިރު، މިހަބްއަކީ އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުމަށް އެޅުނު ބޮޑު ފިޔަވަޅެއްކަމަށެވެ. އަދި މުޖްތަމައުގައި އަންހެނުންނަކީ ވަކި ކަމެއް ނުކުރެވޭ ނުވަތަ ވަކި މަސައްކަތެއްކޮށްގެން ނުވާނެ ބަޔެއްކަމަށް ޤަބޫލު ކުރެވުނު ދުވަސްތަކެއް ރާއްޖެ ދެކުނުނަމަވެސް، މިއަދު ރާއްޖޭގައި ފިރިހެނުންނާއި އެއްހަމައެއްގައި ހުރިހާ ދާއިރާއެއްގައިވެސް އަންހެނުން އަންނަނީ ފައިތިލަ ސާބިތުކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވަނީ އިޤްތިޞާދީ ދާއިރާތަކުންނާއި ސިޔާސީ ދާއިރާތަކުގައި ފިރިހެނުންނާއި އިސްސަފުގައި ހަރާކާތްތެރިވާ އަންހެނުން އިތުރުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އިކޮނޮމިކް މިނިސްޓަރ، ފައްޔާޟް އިސްމާއިލްއަށް ތަޢުރީފްކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވީ ޤައުމެއްގެ އިޤްތިޞާދު ކުރިއަރާނީ އެޤައުމެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައިގެން ކަމަށެވެ. އެގޮތުން، މި ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވިފަޔަފާރިވެރިން އުފައްދާ ތަކެތި ވިއްކާނެ ޕްލެޓްފޯމެއް ޤާއިމްކޮށްފައި ނެތުންކަމަށް މިނިސްޓަރ ފާހގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ އަބަދުވެސް އަހައްމިއްޔަތުކަމެއްދީގެން ކުރާ ކަމެއްކަމަށާއި، މިހަބްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިން ހަރަކާތްތެރިވަމުންދާކަމީ އަބަދުވެސް ދެކެން ބޭނުންވި ދުވަހެއްކަމަށެވެ. މީގެއިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި ބީސީސީން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަކީ "ކޯޝެއާޑް ކިޗަން"ގެ މަޝްރޫޢުވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޯޝެއާޑް ކިޗެންއަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބޭ، އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް، ވަކި ސްޓޭންޑަޑަކަށް ފަރުމާކޮށްފައި ހުންނަ ތަންތަނެވެ.

މިނިސްޓަރ ވިދާޅުވީ މިތަން ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށާއި، އެތަނުން ޚިދުމަތްދިނުމަށް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީސީސީން ތަރައްޤީކޮށްފައިވާ 3 ފަންގިފިލާގެ މިހަބް ހުންނަނީ އެސް.ޓީ.އޯގެ އެލައިޑް ބިލްޑިންގގައެވެ. މިހަބް މިހާރު ރަސްމީކޮށް ހުޅުވާފައިވާއިރު، މިތަނުގެ އެންމެ ތިރީގައި ހުންނާނީ ކެފޭއަކާއި އެއްކޮށް ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކޭނެ ކުޑަ ބުކްޝޮޕެއް ކަހަލަ ތަނެކެވެ. އަދި އެންމެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ކާއެއްޗެތި ތައްޔާރުކުރާ ފަރާތްތަކަށެވެ. މިފަންގިލާގައި ޒަމާނީ ފެންވަރަށް ތަރައްޤިކޮށްފައިވާ 19 ކިއޮސްކް ހުރިއިރު، ކޮންމެ ކިއޮސްކެއްގައިވެސް ދިވެހި ވިޔަފާރިވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކާބޯތަކެތީގެ ކިއޮސްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ތެރެއިން ތަފާތު ބާވަތްތައް ތައްޔާރުކޮށްގެން ވިއްކާ ވިޔަފާރިވެރިން ހިމެނެއެވެ. މީގެތެރޭގައި، ދިވެހި ކެއުމުގެ ބާވަތްތަކާއި ކޭކު އަދި ތަފާތު ބުއިންތައް ތައްޔާރުކޮށްގެން ވިައްކާ ވިޔަފާރިވެރިން ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. ބީސީސީގެ ދަށުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވައި މި ފިހާރަތަކުންވެސް އަންނަނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކަމުންނެވެ.