ޚަބަރު

އަންނަމަހު 25ގައި އޮލިމްޕަސް ހުޅުވާތީ ބުކިންއަށް ހުޅުވާލައިފި


އަންނަ މަހުގެ 25 ވަނަ ދުވަހު، ކުލަގަދަ ހަފްލާއަކާއެކު އޮލިމްޕަސް ހުޅުވުން އޮންނާނެކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއިން ބުނެފިއެވެ.

އޮލިމްޕަސް ހުޅުވުމަށް ތައްޔާރުވަމުންދާއިރު މިހާރު ވަނީ އޮލިމްޕަހުގައި ފިލްމު އެޅުވުމާއި، އެކިއެކި ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް ބުކިންގއަށް ހުޅުވާލާފައެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ޓިކެޓް ކައުންޓަރަށް ބަދަލުގެނައުމާއި، ހޯލާއި، ކޮރިޑޯއާއި ކެފޭ ސަރަޙައްދާއި އިމާރާތުގެ ބޭރަށްވެސް ބަދަލު ގެނެސްފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގައި ހިމަނައިގެން އޮލިމްޕަހުގެ ސައުންޑް ސިސްޓަމާއި ޓެކް މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި މިއުޒިކާއި ޑާންސް ޕްރެކްޓިސް ކުރުމަށްވެސް ރޫމްވަނީ ހަދާފައެވެ.

އެންސީއޭއިން މިހާރުވަނީ އޮލިމްޕަހުގައި ފިލްމު އެޅުވުމާއި ހަރަކާތްތައް ހިންގަން ބޭނުންވާ މީހުން، ބުކިންގ ހެއްދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އެގޮތުން 15 ޖެނުއަރީން ފެށިގެން، ޕްރެކްޓިސް ރޫމް އަދި އޮލިމްޕަސް ހޯލް ބޭނުންކުރުމަށް ދޫކުރަން ފަށާނެއެވެ. އެން.ސީ.އޭގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުﷲ މުއާޒް ވިދާޅުވީ ކުލަގަދަ ޙަފްލާއަކާއެކު އޮލޮމްޕަސް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 25ވަނަ ދުވަހުކަމަށެވެ.

މުއާޒް ވިދާޅުވީ ހުޅުވުމަށްފަހު އެންމެ ފުރަތަމަ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ، އޮލިމްޕަސް މަރާމާތަށް ބަންދުކުރުމުގެ ކުރިން، ޑާކްރެއިން އެންޓަޓެއިންމަންޓުން އޮލިމްޕަހުގައި އެޅުވުމަށް ޝެޑިއުލްކޮށްފައިވާ ފިލްމަކާއި އޭރު އޮލިމްޕަހުގައި ބުކްކޮށްފައި އޮތް އިތުރު ދެ ފިލްމެއްކަމަށެވެ.

މުއާޒް ވިދާޅުވީ އެއާއިއެކުކުރިއެކޭ އެއްގޮތަށް އޮލިމްޕަހުގައި ފިލްމުއެޅުވުމާއި ހަރަކާތްތައް ހިންގުމަށް ކުއްޔަށް ދޫކުރާނެކަމަށެވެ.

އޮލިމްޕަހުގައި އެންމެ ފަހުން ފިލްމް ދައްކާފައިވަނީ 2019 ވަނަ އަހަރުއެވެ. ކޯވިޑް ޙާލަތާ ގުޅިގެން 2020 ވަނަ އަަހަރުން ފެށިގެން އޮލިމްޕަސް އޮތީ ބަންދުކޮށްފައެވެ. އޮލިމްޕަހަކީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ވަދެވޭ ސިނަމާއެވެ. އޮލިމްޕަސް ތަރައްޤީކޮށް އެތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، އަދި ފިލްމް އަޅުވަންފެށީ 1957 އިން ފަށައިގެންނެވެ. އޮލިމްޕަހުގެ ޚިދުމަތަށް 61 އަހަރުވަނީ ފުރިފައެވެ.