ސިޔާސީ

އިދިކޮޅު ފަރާތްތަކުގެ ނޭދެވޭ ޢަމަލުތަކުގެ އަސަރު މުޅި ރާއްޖެއަށް


އިދިކޮޅު ފަރާތަކުގެ ބައެއް ޢަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މަޞްރަޙުގައި ރާއްޖޭގެ ނަން ކިލަނބުވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންދާކަމަށް މިހާރު ރާއްޖެ އައިސްއުޅޭ ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ ވަފްދުގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ސައުތް-އެންޑް ވެސްޓްގެ މެމްބަރު ސަރ ޑޭވިޑް އެއިމީސް، ނޯތް އެންޓްރިމްގެ މެމްބަރު އިއަން ޕެއިސްލީ އަދި ފިލްޑްގެ މެމްބަރު މާކް މެންޒީސްއެވެ.ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ ވަފްދު ރާއްޖެއަށް ކުރަމުންދާ މި ޒިޔާރަތަކީ، ދިވެހި ސަރުކާރުގެ ދަޢުވަތަކަށް ކުރާ ޒިޔާރަތެކެވެ. ވަފްދުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ ސަރ ޑޭވިޑް އެއިމީސް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ބައެއް ޢަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މަޞްރަޙުގައި ރާއްޖޭގެ ނަން ކިލަނބުވެފައިވާ ކަމަށާއި، އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ގޮންޖެހުންތަކަކާ ރާއްޖެއަށް ކުރިމަތިލާން ޖެހިފައިވާކަމަށެވެ.އޭނާ ވިދާޅުވީ، ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެއްވެސް ޤައުމަކުން ބާރުއެޅުމަކީ ޤަބޫލް ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި، ރާއްޖެއާ ދެކޮޅަށް އެއްވެސް ފަރާތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ، އެކަމުގެ ދަތިތަކާއި ނުރަނގަޅު އަސަރުކުރާނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ނޫންކަމަށާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނީ އަދި، އެ ކަންތައްތައް ތަޙައްމަލްކުރަން ޖެހޭނީ ޢާއްމު ރައްޔިތުންނަށްކަމަށް އޭނާ ވިދާޅުވިއެވެ.ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކުރިމަތިވެފައިވާ ބައެއް ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ސަރ އެއިމީސް ވިދާޅުވީ، ރާއްޖޭގައި އަށާރަ ސަތޭކައަށްވުރެ ގިނަ ސިޔާސީ ކުށްވެރިން ތިބިކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށް، ބޭރު ދުނިޔޭގައި އަޑު ފަތުރަމުންދާއިރު، މިއީ ޙަޤީޤަތާއި ޚިލާފު ވާހަކައެއްކަމަށެވެ. އަދި ރާއްޖޭގެ ޖަލުތަކުގައި މިވަގުތު ޙުކުމް ތަންފީޒުކުރަމުންދާ ޖުމްލަ އާބާދީވެސް އަށާރަ ސަތޭކައަށް ނާރާކަން އޭނާ ފާހަގަކުރެއްވިއެވެ.މީގެ އިތުރުން، ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ޓެރެރިސްޓުން ތިބި ޤައުމުކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވައި، ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ އަގު ވެއްޓި، އިޤްތިޞާދީ ގޮތުން ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަޞްރަހާ ބެހޭގޮތުން މި ވަފްދުގެ 3 ބޭފުޅުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަމަކީ، ސިޔާސީ މަޞްރަހުގައި ހުރި މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ސަރުކާރުން އިސްނަންގަވައިގެން ބާއްވަވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކެވެ. މި މަޝްވަރާތަކުގެ މުހިއްމުކަން ފާހަގަކުރައްވާ ވަފްދުގެ ބޭފުޅުން ވަނީ، މަޝްވަރާތަކުގައި ބައިވެރިވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލައްވާފައެވެ.ވަފްދުގެ މެމްބަރެއްކަމަށްވާ އިއަން ޕެއިސްލީ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ ޤައުމުގެ ސިޔާސީ މަޞްރަޙުގައި ކުރިމަތިވެފައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، މައްސަލަތަކަށް ޙައްލުހޯދުމަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއްކަމަށެވެ. އަދި، މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ، ރައްޔިތުން ތަމްޞީލުކުރުމަށް އިންތިޚާބުކޮށްފައިވާ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާހަކަތަކުގައި ޕާޓީތައް ތަމްޞީލުކުރެއްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްޞީލުކުރައްވަމުން ގެންދަވާ މެމްބަރުންނަކީ ވަރަށް ޤާބިލް އަދި ކުޅަދާނަ މެމްބަރުންތަކެއް ކަމަށް ޤާބޫލްފުޅުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިސް ލީޑަރުންނާއެކު ވަފްދުގެ ބޭފުޅުން ބޭއްވެވި ބައްދަލުވުމަށް އިޝާރާތްކުރައްވައި ސަރ އެއިމީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް އެމް.ޑީ.ޕީން މަރުޙަބާ ކިޔާކަމަށް އެ ބައްދަލުވުމުގައި ބުނެފައިވާކަމަށެވެ. ނަމަވެސް، ސަރުކާރަށް ވަކި ޝަރުތުތަކެއް ކުރިމަތިކޮށް، ޝަރުތުތައް ފުރިހަމަކުރުމުން ނޫނީ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށް އިއްޔެގެ ބައްދަލުވުމުގައި އެމް.ޑީ.ޕީން ބުނެފައިނުވާކަމަށާއި، މިކަމާ ހިތާމަކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެމް.ޑީ.ޕީން އެދިފައިވާ ކަންތައްތަކަކީ، ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު މަޝްވަރާކޮށްގެން، އެއްބަސްވެގެން ނޫނީ ނިންމޭނެ ކަންތައްތަކެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ސަރ އޭމިސް ވިދާޅުވިއެވެ.މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކަކަށް ވާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ވަފްދުގެ ބޭފުޅުން ވިދާޅުވިއެވެ.