ޚަބަރު

އައްޑޫ ސިޓީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރަނީ މިސަރުކާރުން: ސިޓީ ކައުންސިލް


މިއީ އައްޑޫ ސިޓީގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގަމުންދާ ރިޔާސީ ދައުރުކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެތެރެއިން، އެ ސިޓީގެ ކައުންސިލާއި އ.ތ.މ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

ނައިބު ރައީސް ފައިސަލް ނަސީމްއާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ އައްޑޫ ސިޓީގެ ތަރައްޤީއާ އަދި އެ ސިޓީއަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީއަށް މުހިންމު، ބޮޑެތި މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި މުޅި ރާއްޖެއަށް ބަލާއިރުވެސް، އައްޑިއަކީ އެންމެ ގިނަ މަޝްރޫޢޫތައް ކުރިއަށްދާ ވިޓީކަމަށް ވިދާޅުވިއެވެ. އެގޮތުން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިމޭއިރު، އައްޑޫގެ ހުރިހާ މަގެއް އޮންނާނީ ޒަމާނީ ފެންވަރަށް ހަދައި ނިމިފައި ކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، ކައުސިލްގެ ބަޖެޓުގެ ދަތިކަމާއި، އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގައެވެ. މިގޮތުން، ތަޢުލީމާއި ޞިއްޙީ ދާއިރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އޭއީއެޗްގެ ދަށުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރެވި އިތުރުކުރެވެމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި، އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލާއި އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ، ހިތަދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ ކިޔަވައިދިނުން ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސްކޫލުގެ ސީނިއަރ މެނޭޖްމެންޓާ ބައްދަލު ކުރައްވާފައެވެ.

ފައުންޑޭޝަން މަރުޙަލާއިން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ހިތަދޫ ސްކޫލުގައި އެއްހާހަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލް ކުރަމުންނެވެ.