ކުޅިވަރު

ވިކްޓްރީގެ ފަރިތަކުރުންތައް އަންނަ ހޮނިހިރު ދުވަހު ފަށަނީ


ވިކްޓްރީ ސްޕޯޓްސް
ކުލަބްގެ ފަރިތަކުރުންތައް އަންނަ ހޮނިހިރުދުވަހު ފަށަން ނިންމައިފިއެވެ. 

ވިކްޓްރީ
ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނަޒީހު ބުނީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް
ވިކްޓްރީގެ ފަރިތަކުރުންތައް ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ
އާންމުކޮށް ހުޅުވާލައިގެންކަމަށެވެ. އަދި މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ގަދަ
ހަތަރެއްގައި އޮވެގެން ސީޒަން ނިންމާލުމަކީ ވިކްޓްރީ ސްޕޯޓްސް ކުލަބްގެ މިއަހަރުގެ
އަމާޒެއްކަމަށް ނަޒީހު ބުންޏެވެ. 

ދެވަނަ ޑިވިޝަންގެ ތަށި ޔުނައިޓެޑް ވިކްޓްރީއަށް ހޯދައިދީ،
އެޓީމް ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމަށްފަހު ވިކްޓްރީއާ ހަވާލުވި ނަޒީހު ބުނީ
ކޮންމެ ކުޅުންތެރިއަކަށްވެސް ފުރުސަތު އެބައޮތްކަމަށާއި، އެއްވެސް ކުޅުންތެރިއަކަށް
ތަފާތު ކުރުމެއްނެތި ފުރުޞަތު ދޭނެކަމަށެވެ. ހުނަރު ހުރިނަމަ ވިކްޓްރީއަށް ކުޅުމުގެ
ފުރުސަތު ކޮންމެ ކުޅުންތެރިއަކަށްވެސް އެބައޮތްކަމަށް ވިކްޓްރީއާއި
ނިއުރޭޑިއަންޓްގެ ކުރީގެ މިޑްފީލްޑަރ ނަޒީހު ބުންޏެވެ.

 ވިކްޓްރީއާ އާބޯޑް ހަވާލުވީއިރު
ރާއްޖޭގެ ގިނަ ކުޅުންތެރިން ވަނީ ކުޅޭނެ ކްލަބެއް ނިންމާ ކްލަބްތަކަށް
ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ވިކްޓްރީއަށް މިދިޔަ އަހަރު ކުޅުނު ބައެއް
ކުޅުންތެރިންވެސް ހިމެނެއެވެ. އެހެންކަމުން މިހާރު ކުލަބަކާ ނުގުޅިތިބި މަދު ކުޅުންތެރިންނަށް ބަލަމުންދާކަމަށާއި، އަލަށް ކުލަބާއި ގުޅޭ ކުޅުންތެރިންނާއެކުވެސް
ވިކްޓްރީ ވަރުގަދަވާނެކަމަށް އެކުލަބްގެ ކޯޗް ނަޒީހު ބުންޏެވެ. 

"މިއީ ވަރަށް ކުޅިވަރު ބޯޑެއް، މިބޯޑުން އަހަންނަށް ވަރަށް ރަނގަޅަށް ކަންތަށްކުރަނީ. މިހާރުވެސް އަތޮޅު ތެރެއިން ހަތަރުވަރަކަށް ކުދިން ވަނީ މިކުލަބާ ގުޅުމަށް މާލެ އައިސްފަ. އެހެންވީމަ އަދިވެސް އަތޮޅު ތެރެއިން ކުދިން އަންނާނެކަމަށް މިބަލަނީ. އަތޮޅުތެރޭގައި ވަރަށް ހުނަރުވެރި ކުދިން އެބަތިބި. ބޭނުންވަނީ އެކުދިންނަށް ރަނގަޅު ފުރުސަތެއް ހޯދައިދިނުން. މިފަހަރު ވިކްޓްރީގެ ސްކޮޑް ދެރައެއްނުވާނެ. ގަދަ ހަތަރަކަށް ވާދަކުރާނެ." ނަޒީހު ބުންޏެވެ.



ނަޒީހު ބުނީ ސީޒަންގައި ހާސިލް
ކުރަން ބޭނުންވާ ގޯލްތައް ޙާޞިލްކުރުމަށް މިހާރުވެސް ކުލަބްގެ ބޯޑުން ލަނޑުދަނޑިތަކެއް
ކަނޑައަޅާފައިވާކަމަށެވެ.