ޚަބަރު

ޓޫރިޒަމް މާސްޓަރ ޕްލޭން: މިދާއިރާގައި ދިވެހިން އިތުރުކުރުމަށް ޚާއްސަ އަހައްމިއްޔަތެއް


5ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގައި ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އަހައްމިއްޔަތުކަމެއް ދީފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ މައްޗަށް އެކުލަވާލާ ޕްލޭނެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުޞޫމް ވިދާޅުވީ، 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން ބައްޓަންކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ފަހަތައް ނުޖެހި ގެންދެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން، މިޕްލޭންގައި އެންމެ ބޮޑު އިސްކަމެއްދީފައި ވާނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ކަމަށް މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.

"ގޮންޖެހުންތަކެއް އެބަހުރި. އެކަމަކު އެގޮންޖުންތަކުގެ ތެރެއިންވެސް މިހާރުވެސް ދިވެހިން މިދާއިރާގައި މަސައްކަތްކުރަމުން އެބަދޭ. އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރާނީ ގޮންޖެހުންތައް ކުޑަކޮށް، ފަހިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތައް ދިނުމަށް. އެއީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓަކުގެ ތެރޭގައި، ވިޔަފާރީގައި ބައިވެރިވުމުގެ ގޮތުން، ވިޔަފާރި ހިންގުމުގެ ގޮތުން. އަދި ވަޒީފާގެ ގޮތުންވެސް." މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު، ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތައް ފަހިކޮށްދީ، ބިދޭސީން ވަޒީފާތަކުގައި ހަރަކާތްތެރިވާ އަދަދު މަދުކުރުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޚާއްސަކޮށް އަންހެނުންނާއި ޒުވާނުން ރާއްޖޭގެ ހުރިހާ ސިނާޢަތްތަކުގައި ހަރަކާތްތެރިކުރުމަށް ސަރުކާރުންދަނީ އެތައް ފުރުސަތުތަކެއް ތަނަވަސްކޮށްދެމުންނެވެ. އެގޮތުން، ރާއްޖޭގެ މައި ސިނާޢަތްކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި އަންހެނުން ފައިތިލަ ސާބިތުކުރުމަކީ މުސްތަޤްބަލުގައި ދެކެން ބޭނުންވާ ދުވަހެއްކަން ޓޫރިޒަމް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

" އަޅުގަނޑުމެން ބޭނުންވާ ވަރަކަށް އަދިވެސް އަންހެންވެރިން ޓޫރިޒަމްގެ ވެރިންގެ ގޮތުގައި ނެތް. އަދި މިދާއިރާގައިވެސް ނެތް. އެހެންވީމަ އަންހެންވެރިން ޓޫރިޒަމްގެ ވެރިންނަށް ހެދުމަށާއި ޓޫރިޒަމް ދާއިރާއަށް ނެރުމަށް ތަފާތު މަސައްކަތްތަކެއް މިމާސްޓަރ ޕްލޭންގެ ދަށުން ކުރާނެ." ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ތިމާވެށީގެ ގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީ ގޮތުންވެސް ރާއްޖެއަށް މަންފާލިބޭ ގޮތަށް އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ މިހުރިހާ ކަމަކާއި ރަހުމަތްތެރި ކަމެއްގެ ގޮތުގައި ކުރިއަށްގެންދެވޭނެގޮތްތައް މި މާސްޓަރ ޕްލޭން ބައްޓަންކޮށްފައި ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް މިމާސްޓަރ ޕްލޭންގައި ރޭވިފައިވާނެކަމަށް މިނިސްޓަރ މަޢުޞޫމް ފާހަގަކުރެއްވިއެވެ.

5 ވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކުރިއަށްދަނީ އެޕްލޭންގެ އެންމެ ފަހު މަރުޙަލާގެ މަސައްކަތްތައްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިމާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން ވަނީ ނަގާފައެވެ. އެއީ 9 ކޮންސަލްޓަންޓުންނާއި 1 ލީޑް ކޮންސަލްޓަންޓެކެވެ. ލީޑް ކޮންސަލްޓަންޓުގެ ގޮތުގައި ނަގާފައިވަނީ ބޭރުގެ ފަރާތެކެވެ. ނަމަވެސް ބާކީތިބި 9 ކޮންސަލްޓަންޓްގެ މަޤާމަށް ނަގާފައިވަނީ ދިވެހިންނެވެ.

ރާއްޖޭގެ އިޤްތިސާދުގެ މައި ލޭނާރަކީ ފަތުރުވެރިކަންކަމުގައިވާއިރު، ފަތުރުވެރިކަމަށް ލިބޭ ކުރިއެރުންތަކަކީ ރާއްޖޭގެ އިޤްތިސާދަށްވެސް ލިބޭ ކުރިއެރުންތަކެވެ. މިއަހަރު ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރަމުންދާއިރު، މިއަހަރު ރާއްޖެއިންވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތުގައިދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ ލަޤަބު ޖެހިޖެހިގެން 3 ފަހަރު ހޯދާ، ރާއްޖެ ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދުނިޔޭގެ އެހެން ޤައުމަތަކަށް މިސާލު ދައްކާފައެވެ.