ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް އައްޑޫއާއި ފުވައްމުލަކަށް


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި އައްޑޫ ސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ޚިދުމަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިތާޙްކޮށްދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެސިޓީގައި ހިންގޭ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފްވެރިކޮށްދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.