ޚަބަރު

އެންމެ އަވަހަށް ދެން ނިމޭނީ ވިލުފުށި އަދި ކުޑަހުވަދޫ މަގުހެދުން


މިހާރު މަގުހަދަމުންދާ ރަށްތަކުގެ ތެރެއިން ތ. ވިލުފުއްޓާއި ދ. ކުޑަހުވަދޫގެ މަގުތައް އަންނަ މަހު ނިމޭނެކަމަށް އެމްއާރުޑީސީން ވިދާޅުވެއްޖެއެވެ.

އެމްއާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، މި ދެ ރަށުގައިވެސް ކޮންމެ ރަށެއްގައި މީހުން އެންމެ ބޮޑަށް ބޭނުންވާ ހުރިހާ މަގެއްގައި ތާރުއަޅައިގެން މަގުހަދަމުންދާ ކަމަށެވެ. އެގޮތުން ކުޑަހުވަދޫގެ، 13 މަގަކާއި އެރަށުގެ ބަނދަރު ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ގާގްގަޑަކަށް ނިމިފައިވާކަމަށް ނަޒީމް ވިދާޅުވިއެވެ. އެއީ ގާތްގަޑަކަށް 7 ކީލޯ މީޓަރުގެ މަގެވެ. ނަޒީމް ވިދާޅުވީ ، މި ދެ ރަށުގެ އިތުރުން ދެން އެންމެ އަވަހަށް މަސައްކަތް ނިމޭނީ ގދ. ތިނަދުއާއި  ގއ. ވިލިނގިލީގެ މަގު ހެދުމުގެ މަސައްކަމަށެވެ.

ހައުސިންގ މިނިސްޓްރީން އެމްއާރުޑީސީއާއި ޙަވާލުކުރައްވައިގެން، ގިނަ ރަށްރަށުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، ވިލުފުށި އަދި ކުޑަހުވަދޫގެ މަގުހެދުމުގެ، މަސައްކަތުގެ ސަބްކޮންޓްރެކްޓަރއަކީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސިއެރާއެވެ.

ކުޑަހުވަދޫ މަގުހެދުމަށް 76 މިލިއަން ރުފިޔާ ޚަރަދުވާއިރު، ވިލުފުށީ މަގު ހެދުމަށް 56 މިލިއަން ރުފިޔާ ޚަރަދުވާކަމަށް އެމްއާރުޑީސީން ހާމަކުރެއެވެ.