ޚަބަރު

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ އަދަދު އިތުރުކުރަންޖެހޭ: ފައްޔާޟް


ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ އަދަދު އިތުރުކުރަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް މިހެން ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުނު ޤާއިމްކުރިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ބިޒަނަސް ފޯރަމްގައެވެ.

މިފޯރަމްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލްއާއި، ޗައިނާގެ އެމްބެސެޑަރ ވޭންގް ލިސިންއާއި މިނިސްޓްރީގެ އިސްބޭފުޅުންނާއި ޗައިނާ އެމްބަސީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުނު ޤާއިމްކުރިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގައި ޗައިނާގެ ދައުރު ބޮޑުކަމަށެވެ. އަދި ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަންތައްތައް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ޗައިނާ ފްރެންޑްޝިޕް ބްރިޖްއާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއާއި ހިޔާ ފްލެޓް ތަރައްޤީކުރުމަށް ޗައިނާއިން ރާއްޖެއަށް ވެފައިވާ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފިޝަރީޒް ދާއިރާގައިވެސް ޗައިނާގެ ދައުރު ބޮޑުކަމަށެވެ. އެހެންނަމަވެސް، އަދިވެސް މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ އަދަދު އިތުރުކުރަންޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމާއި ގުޅިގެން ޗައިނާ އެމްބަސީއާއެކު މަޝްވަރާތައް ކުރަމުންދާކަމަށާއި އަވަސް މުސްތަޤްބަލެއްގައި ރާއްޖެއިން ޗައިނާ އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ އަދަދު އިތުރުކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން އުފައްދާ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ އަދަދު އިތުރުކުރުމުގެ މަޝްވަރާ މީގެކުރިންވެސް ވަނީ ކޮށްފައެވެ. އެގޮތުން، ދެމެހެއްޓެނިވި ރީޓެއިލް މަހުގެ ސިނާއަތުގައި ދިވެހި މަހުގެ އުފެއްދުންތަކަށް މިހާރަށްވުރެ ނުފޫޒުގަދަ ދައުރެއް އަދާކުރުމުގެ ޖާގަ ޗައިނާ ބާޒާރުގައި އެބައޮތްކަމަށް މިނިސްޓަރ ފައްޔާޟް ވަނީ ވިދާލުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެގެ އިޤްތިޞާދުގެ މައި ސިނާއަތް، ފަތުރުވެރިކަމުގެ ދާއިރާގައި ޗައިނާގެ ހިއްސާ ބޮޑުކަމަށެވެ. ކޯވިޑް-19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްއެވެ. ނަމަވެސް، ކޯވިޑް-19އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ޗައިނާއިން މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވަނީ ރެކޯޑް އަދަދަކަށް ދަށްވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ އަންނަ އަހަރު ޗައިނާއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފެށޭނެކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަން މިއަހަރުވެސް މިވަނީ އެތައް ގުނައެއް ކުރިއަރާފައި. އެއީ އަދި ޗައިނާ މާކެޓްނުލާ. އެހެންވީމަ އަންނަ އަހަރު ޗައިނާގެ ބޯޑަރ ހުޅުވާލެވުމުން އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އަޅުގަނޑަށް ފެންނަނީ ވަރަށް އުންމީދީކޮށް." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 14 އޮކްޓޯބަރ 1972 ގައެވެ. ޗައިނާ އާއި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ޗައިނާއަކީ ޒަމާނުއްސުރެ އެއްބާރުލުންދެމުން އަންނަ ޤައުމެކެވެ.