ނ.ހޮޅުދޫގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމައް ބޭނުންވާ ސަރވޭގެ މަސައްކަތް ފަށައިފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.
މަގުތައް އަޑިގުޑަންވުމާއި ވިއްސާރަ ދުވަސްވަރު ރަށުގެ މަގުތަކުގައި ފެންބޮޑުވެ ޗަކަވުމުގެ މައްސަކައަކީ ހޮޅުދޫ ރައްޔިތުންގެ ޝަކުވާ އެކަމާއި ގުޅިފައިވާ ބޮޑު މައްސަލައެވެ.
ނ.ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ އެރަށުގެ ކައުންސިލުންވެސް ސަރުކާރުގައި އެދެމުން އައި، ރަށަށް ވަރަށް މުހިންމު އެއް މަސައްކަތަކެވެ. މިއަހަރުގެ ޖޫން މަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ހޮޅުދުއަށް ކުރެއްވި ދަތުރުފުޅުގައިވެސް ރަށުގެ ކައުންސިލުން ވަނީ، އެރަށުގެ މަގުތައް ތަރައްޤީކޮށްދެއްވުމަށް ރައީސްއަށް ދަންނަވާފައެވެ.
މިއާއި އެއްގޮތަށް ހޮޅުދޫގެ މަގުތައް ތަރައްޤީކުރަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުއެވެ.
އާރްޑީސީން ވިދާޅުވީ ހޮޅުދޫ މަގުތަކުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސަރވޭގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އާރްޑީސީގެ ޓީމެއް ހޮޅުދުއަށް ދަތުރުކޮށް، ރަށު ކައުންސިލް އަދި ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް ޕްރޮޖެކްޓް ފެށުމަށް ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް އާރުޑީސީން ވިދާޅުވިއެވެ. އެ ބައްދަލުވުންތަކުގައި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްގެންދާނެގޮތާއި، މި މަޝްރޫޢުއަށް ކައުންސިލްގެ ޚިޔާލުވަނީ ހޯދާފައެވެ.
އާރުޑީސީން ވިދާޅުވީ ސައިޓް މޮބިލައިޒްކޮށް، މަގުހެދުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.
ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. އެއީ ރަށުގެ މައި 17 މަގެއްގެ މަސައްކަތެވެ. މިމަޝްރޫއުގައި ހިމަނާފައިވަނީ ރަށުގެ މުހިންމު މުއައްސަސާތައް ހުރި މަގުތަކާއި، އާއްމުން ގިނައިން ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާ މަގުތަކެވެ.
މަގުހެދުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިމަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 1 އަހަރާ 3 މަސް ދުވަހުން ނިންމާގޮތަށެވެ. އާރްޑީސީއާ ހޮޅުދޫގެ މަގުތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ 71 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.