ޚަބަރު

ޑިމޮކްރަސީ ހަފްތާއަށް މުއައްސަސާތަކުގެ އިސްވެރިން ހޯރަފުށްޓަށް


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައްވާ ޑިމޮކްރަސީ ހަފްތާގައި ބައިވެރިވުމަށް ބައެއް މިނިވަން މުވައްސަސާތަކުގެ ވެރިން މިއަދު ހޯރަފުށްޓަށް ވަޑައިގެންފިއެވެ. ޑިމޮކްރަސީ ހަފްތާއާއި ގުޅިގެން މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ހޯރަފުށްޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމްއާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ސިވިލް ސާރވިސް ކޮމިޝަންގެ ނައިބު ރައީސް ޖަމީލާ އަލީއާއި އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓީވް މުހައްމަދު ގުބާދު އަބޫބަކުރު ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސެއިން އާއި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރަޝީދު އިބްރާހިމްއާއި ޓީވީ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް މުހައްމަދު ނިޔާޒްވެސް ހިމެނިވަޑައިގަންނަވައެވެ. ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ހޯރަފުށީ ބަނދަރު ސަރަހައްދުގައެވެ. ޑިމޮކްރަސީ ހަފްތާއާއި ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ދައުލަތުގެ ގިނަ މުވައްސަސާތަކެއް ހިމެނޭ ގޮތަށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމަށް ހެދި ސްޓޯލްތަކެއް ރޭ ވަނީ ހުޅުވާފައެވެ. މި ސްޓޯލްތައް ހުޅުއްވާދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާނާ، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންނެވެ.  އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޑިމޮކްރަސީ ހަފްތާގެ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި ކުއިޒް މުބާރާތަކާއި މޫދު ކުޅިވަރާއި ބަހުސް މުބާރާތެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވެއެވެ.