ޚަބަރު

ނަރުހުން ސްޕެޝަލައިޒްވުމަށް ސްކޮލަރޝިޕްގެ 15 ފުރުޞަތު


ނަރުހުން ސްޕެޝަލައިޒްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިއަށްގެންދާ ސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ ފެންވަރުގެ 15 ފުރުޞަތަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނަރުހުން ސްޕެޝަލައިޒްވުމަށް ކުރިއަށްގެންދާ ސްކޮލަރޝިޕް ޕްރޮގްރާމުގެ ތެރެއިން ސާކް ސަރަޙައްދުގެ ޤައުމުތަކާއި، މެލޭޝިއާއާއި ފިލިޕީންސްއިން ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ނާރސިިންގ ދާއިރާއިން ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއި، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

ސްކޮލަރޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ކޯހާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ކަންކަމުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދޔުން ދައްކަމުންދާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ. އަދި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންވާނެކަމަށާއި، އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދަޢުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ފަރާތެއްކަމުގައި ވެގެންނުވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހަމައެހެންމެ ކުރިން ކިޔެވުމަށް ލޯނު ނަގާފައިވާ ކެންޑިޑޭޓުން ތެރެއިން ޤަވާއިދުން ޑިފޯލްޓެއް ނެތި ލޯނުދައްކާ ފަރާތްތަކުން މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެކަން ބަޔާންކުރާ ކެންޑިޑޭޓުންގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ލޯނު ދެއްކުމަށް ޙަވާލުވާނަމަ އެ ޙަވާލުވާ ލިޔުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭނެއެވެ.

މި ސްކޮލަރޝިޕަށް ފުރުޞަތު ލިބޭ ކެންޑިޑޭޓުން ކޯސް އެލޮކޭޓްކުރެވިފައިވާ ހޮސްޕިޓަލެއްގައި ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ. އަދި ކޯސް ފުރިހަމަނުކޮށްފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކޮށްފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ ދައްކަންޖެހޭނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންކަމަށެވެ. އަދި އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓު ހޮވުމުގައި އިސްކަންދޭނީ ބެޗްލަރސް ޑިގްރީ ނިންމުމަށްފަހު ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތުގެ ދިގުމިނަށްކަމަށެވެ.

ނަރުހުން ސްޕެޝަލައިޒްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިއަށްގެންދާ ސްކޮލަރޝިޕުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 29 ގެ ނިޔަލަށެވެ. އެގޮތުން މި ސްކޮލަރޝިޕަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30ގެ ކުރިން މިނިސްޓްރީން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.