ތަޢުލީމު

އެމްއެންޔޫގެ ސްކޮލަޝިޕް 24 ދަރިވަަރަކަށް ދެއްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފުރަތަމަ ޓާރމަށް ހުޅުއްވާލެއްވި ސްކޮލާޝިޕްގެ ފުރުޞަތުގެ ދަށުން، ސައުވީސް ދަރިވަރަކަށް ސްކޮލާޝިޕް ދެއްވައިފިއެވެ.ސްޓޫޑެންޓް ސްކޮލާޝިޕް ސްކީމަށް އެދި ހުޅުއްވާލެއްވި ފުރުޞަތުގައި، ސްކޮލާރޝިޕަށް އެދި ސަތޭކަ ސޯޅަ ދަރިވަރުން ކުރިމަތިލިކަމަށް ޤައުމީ ޔުނިވާރސިޓީން ހާމަކުރެއްވިއެވެ. ޤައުމީ ޔުނިވާރސިޓީން ސައުވީސް ދަރިވަރަކަށް ސްކޮލަޝިޕް ޙަވާލުކުރެއްވީ ތިން ގިންތިއަކުންނެވެ. އެއީ ޓިއުޝަން ފީ ހިލޭ ދޭ ސްކޮލަޝިޕްގެ ގޮތުގައި ވިހި ސްކޮލަޝިޕާއި އަންޑާރ ގްރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ގޮތުގައި 2 ސްކޮލަޝިޕާއި ޕޯސްޓްގްރެޖުއޭޓްގެ ގޮތުގައި 2 ސްކޮލަޝިޕެވެ.ޓިއުޝަން ފީ ހިލޭ ކުރެއްވުމަކީ، ޔުނިވާރސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ކޯސް ފީ މަޢާފުކުރެއްވުމެވެ. ނަމަވެސް މީގެ ތެރޭގައި ދަރިވަރުންގެ ޔޫނިއަނަށް ދައްކަންޖެހޭ ފީ ހިމެނިފައެއް ނުވެއެވެ. އަންޑަރގްރެޖުއޭޓް ސްކޮލާރޝިޕްގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން އެޑްވާންސްޑް ސެޓްފިކެޓުން ފެށިގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށް ދަރިވަރުންނަށް ކޯހުގެ ފީ ޔުނިވާރސިޓީން ދައްކައިދެއްވުމުގެ އިތުރުން، ފުލްޓައިމް މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސްތަކެއް ދެއެވެ. ޕޯސްޓްގްރޭޖްއޭޓް ސްކޮލަރޝިޕްގައި ހިމެނެނީ ފުލްޓައިމް ޕޯސްޓްގްރެޖްއޭޓް ކޯހެއްގައި ކިޔެވުމަށް ޓިއުޝަންފީއާއި ކޯހުގެ މުއްދަތު ނިމެންދެން ކަނޑައެޅިފައިވާ ފައިސާގެ އެލަވަންސްތަކެކެވެ. އެގޮތުން އަންޑަރގްރެޖުއޭޓް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕޯސްްގްރެޖުއޭޓް ސްކޮލާރޝިޕް ލިބުނު ދަރިވަރުންނަށް ކޮންމެ މަހަކު 7000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.ސްކޮލަޝިޕް އެވޯޑުކުރުމަށް ޤައުމީ ޔުނިވަރިސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބް އަޒްލީން އަޙުމަދު ވަނީ ރާއްޖޭގައި މަތީ ތައުލީމް ޙާސިލްކޮށްގެން ނިކުންނަ ދަރިވަރުންގެ ކިބައިގައި މުޖުތަމައު ޤަބޫލުކުރުން ލާޒިމްކުރާ މުހިންމު ސިފަތަކެއް ހުންނަންޖެހޭ ގޮތަށް، ޔުނިވަރސިޓީގެ މުޤައްރަރުގެ ތެރޭގައި މޮޑިއުލްތަކެއް ހިމެނުއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. ރާއްޖޭގައި ތައުލީމީ ޖީލެއް ބިނާކުރެއްވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަން ފާހަގަކުރަައްވައި، ޑެޕިއުޓީ މިނިސްޓަރ އަޒްލީން ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއާ ރާއްޖެއިން ބޭރުން މަތީތައުލީމް ޙާސިލްކުރުމަށް ހުޅުވާލި އެކި ފުރުސަތަށް 370 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންްސެލަރ ޑރ. މުޙައްމަދު ލަތީފް ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ޔުނިވަރސިޓީން ދޭ ތައުލީމްގެ ފެންވަރު މަތިކުރުމަށް އެޔުނިވާރސިޓީގެ އެކި ފެކަލްޓީތަކުން މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެ ޔުނިވާރސިޓީން ޢިލްމު އުނގެނިގެން މުޖުތަމައަށް ނިކުންނަ ކޮންމެ ދަރިވަރަކީ ޝަހްސިއްޔަތަކަށް ވާންޖެހޭ ދަރިވަރެއް ކަމަށް ޗާންސެލަރ ވިދާޅުވިއެވެ.ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ދެފަހަރެއްގެ މަތިން ދަނީ މަތީ ތައުލީމަށް ޚާއްސަ ސްކޮލަޝިޕްގެ ފުރުސަތެއްގެ ހުޅުވާލައްވަމުންނެވެ. ޤައުމީ ޔުނިވަރިސިޓީގައި 10000 ގާތްކުރާ ޢަދަދަކަށް ދަރިވަރުން މަތީ ތަޢުލީމް ޙާސިލްކުރަމުންދެއެވެ.