ޚަބަރު

މަޝްވަރާގައި ބައިވެރިވުމަށް ޑީއާރުޕީއަށް ދަޢުވަތު ދެއްވައިފި


ސިޔާސީ ޕާޓީތަކާއެކު ބާއްވަވާ މަޝްވަރާގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުން ޑީއާރުޕީއަށް ދަޢުވަތު ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވަވާ މަޝްވަރާގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީއަށް މިހާރު ފޮނުއްވާފައިވާކަމަށެވެ. ޑީއާރުޕީގެ އިތުރުން މަޝްވަރާގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުން މިހާތަނަށް 5 ސިޔާސީ ޕާޓީއަކަށް ދަޢުވަތު ފޮނުއްވާފައިވެއެވެ. އެއީ އެމްޑީޕީ، އަދާލަތު، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ސިޔާސީ ޕާޓީގެ މަޝްވަރާގައި ޕާޓީތަކުން ބައިވެރިވެވަޑައިގަންނަވާނޭ ބޭފުޅުންގެ މަޢުލޫމާތާއި، ޕާޓީތަކުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ މައްސަލަތައް ހުށަހެޅުއްވުމަށް، މި ބައްދަލުވުންތަކުގައި ބައިވެރިވާ ޕާޓީތަކަށް މިހާރު ދަންނަވާފައިވާކަމަށެވެ.  މި މަޝްވަރާތަކުގައި ސަރުކާރުގެ މަންދޫބުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙްމަދު ޡުހޫރުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.ދިވެހިރާއްޖެ ތަރައްޤީކުރުމަށާއި، ޤައުމުގެ ބިނާކުރުމުގެ މަސައްކަތް ހަލުވިކޮށް، ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކާ ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއެކު ކުރިޔަށްގެންދެވި މަޝްވަރާތައް އަލުން ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމެވީ މިމަހުގެ އެގާރަވަނަ ދުވަހުއެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނެފައިވަނީ މަޝްވަރާގައި ބައިވެރިވާނީ އިތުބާރު އޮތް މާހައުލެއް ޤާއިމްކޮށްދިނުމުންކަމަށެވެ.